ބޮލީވުޑްގެ ސުޕާ ސްޓާ ސަލްމާން ހާން އެންމެ ޅައުމުރުން ފެށިގެން ދިރިއުޅެމުން އަންނަ އާއިލީ ގޭގެ ބަދަލުގައި ދިރިއުޅެން އާ ގެއެއް އަޅަން ތައްޔާރުވެއްޖެ އެވެ.
މިހާރު އެ އާއިލާ ދިރިއުޅޭ ގެއަކީވެސް ގަޑުވަރެއްފަދަ ރީތި ގެއެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަލަށް އަޅަން ނިންމާފައިވަނީ 2011 ވަނަ އަހަރު ސަލްމާންގެ ބައްޕަ ސާލިމް ހާން އާއި މަންމަ ސަލްމާ ހާން 14.4 ކްރޯޑު ރުޕީސްއަށް މުމްބާއީގެ ގޮނޑު ދޮށާއި ކައިރިން ގަނެފައިވާ ދެ ބިމެއް އެއްކޮށްލައިގެން ނެވެ.
އެ ބިމުގައި އަޅާ ގޭގެ ކުރެހުން ފާސް ކުރުމަށް ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނަށް ހުށަހަޅާފައިވާއިރު މީޑިއާގައި ވަނީ އެ ކުރެހުން ލީކުވެފައި އެވެ. އެ ކުރެހުމުގައި ވާގޮތުން ގެއަކީ ހަ ފަންގިފިލާއަށް ހަދާ ގެއެކެވެ.
އެންމެ ތިރީ ފަންގިފިލާ ހާއްސަ ކޮށްފައިވަނީ އެ އާއިލާ މެންބަރުންގެ 16 ކާރު ޕާކު ކުރެވޭ ދެ ގަރާޖަކަށާއި ސިޓިން ރޫމެއްގެ އިތުރުން އެއްޗެހި ދޮންނަ ބަޔަކަށެވެ. މައްޗަށް ނަގާފައިވާ ކޮންމެ ފަންގިފިލާއެއްގައި ސިޓިން ރޫމަކާއި ފާހާނާ އާއި އެކު ދެ ކޮޓަރި ހުރެ އެވެ.
އޭގެން ކޮޓަރިއެއްގެ ބޮޑުމިނުގައި ހުންނަ ކަމަށް ބުނެފައިވަނީ 250 އަކަ ފޫޓެވެ. އަދި ސިޓިން ރޫމުގައި 400 އަކަ ފޫޓު ހުރެ އެވެ. މީގެ އިތުރުން އިމާރާތުގެ ބޮޑު މިނުގައި އެންމެ މަތީގައި މުޅި ސަރަހައްދު ފެންނަ ވަރުގެ ޓެރަސްއެއް އޮވެ އެވެ.
އެ ބިން ގަތީންސުރެ އެތަން އޮތީ ބެރިކޭޑް ޖަހާ ބަންދުކޮށްފައި އެވެ. ހަމަ އެކަނި ބޭނުން ކުރަމުންދިޔައީ ސަލްމާންގެ ސައިކަލާ ބައިސްކަލް ފަދަ ތަކެތި ޕާކު ކޮށްފައި ބެހެއްޓުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް