ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިއާ އަދި އެކްޓަރު ނިކް ޖޯނަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީން ވެއްޖެ އެވެ.
މި ދެ ތަރިން އެކުގައި ފެނުން ގިނަވެ، މާ ގައިގޯޅިކޮށް އުޅޭތީ ޕަޕަރާޒީންނާއި ނޫސްވެރިން އެ ދެމީހުންގެ ގުޅުމަށް ޝައްކު ކުރާތާ ދޮޅު މަހެއްހާ ދުވަސް ވެއްޖެ އެވެ. އެކަމަކު މިކަމާ ގުޅޭގޮތުން ދެ ތަރިން އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެކަމަކު އެމީހުންގެ ގުޅުމަކީ އާދައިގެ ރަހުމަތްތެރިންގެ އޮންނަ ފަދަ ގުޅުމެއް ނޫންކަން އެނގުނީ ނިކްގެ ދެބެންގެ ދެ ދަރި މީހެއް ކަމަށްވާ ރޭޗަލް ޓަމްބްރޫލީގެ ކައިވެންޏަށް ޕްރިޔަންކާ ގޮވައިގެން ދިޔުމުންނެވެ. މިމަހު ކުރީކޮޅު އޮތް އެ ހަފްލާގައި ނިކް ވަނީ އެއްބަނޑު އެއްބަފާ ބައެއް މީހުންނަށާއި އާއިލާ ބައެއް މީހުންނަށް ޕްރިޔަންކާ ތައާރަފުކޮށްދީފަ އެވެ.
އޭގެ ފަހުން މިހާރު ދެ ތަރިން އެކުގައި ވަނީ އިންޑިއާއަށް ގޮސް ޕްރިޔަންކާގެ މަންމަ އާއި ބައްދަލުކޮށްފައި އެވެ. މިވަގުތު އިންޑިއާގައި ތިބި ޕްރިޔަންކާ އާއި ނިކް ވަނީ ޕްރިޔަންކާ މަންމަ އާއި ބައްދަލު ކުރުމަށް ހާއްސަ ރޭގަނޑުގެ ކެއުމަށް ރެސްޓޯރަންޓަކަށް ގޮސްފައި އެވެ.
އުމުރުން 35 އަހަރުގެ ޕްރިޔަންކާ އާއި 25 އަހަރުގެ ނިކް އެ ކެއުމަށް ދިޔައީ މާ ސިއްރަކުން ނޫނެވެ. ދެ މީހުން ތިބީ އަތު ގުޅާލައިގެން ނެވެ. އަދި ނޫސްވެރިންނަށް ފޮޓޯނަގަންވެސް ކޮންމެސް ވަރަކަށް ފުރުސަތު ދިނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޕްރިޔަންކާ ވަރަށް އަވަހަށް އޭނާގެ ގޭގައި ޕާޓީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ. އެ ޕާޓީގައިވެސް ނިކް ބައިވެރިވާނެ ކަމަށްވެ އެވެ. އެކަމަކު އެއީ ކޮން މުނާސަބަތަކާއި ގުޅުވައިގެން އަދި ކޮން ބަޔަކަށް ދައުވަތުދީގެން ބާއްވާ ޕާޓީއެއް ކަމެއް ނޭނގެ އެވެ. އެކަމަކު އެ ޕާޓީގައިވެސް ޕްރިޔަންކާ މަންމަ ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ދެ ތަރިން އިންޑިއާއަށް ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް