އިސްލާހާއި އެކު ވޯޓާސް ލިސްޓު ޖުލައި އެކެއްގައި އާންމު ކުރަނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތަށް އިސްލާހު ކުރުމަށް ފަހު އާ ލިސްޓު ޖުލައި އެއް ވަނަ ދުވަހު އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އެކޮމިޝަނުގެ ...

24 Jun 2018 | 02:51

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތަށް އިސްލާހު ކުރުމަށް ފަހު އާ ލިސްޓު ޖުލައި އެއް ވަނަ ދުވަހު އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ ޖުލައި އެކެއްގައި އާންމު ކުރާ ލިސްޓަށް ޝަކުވާ ހުށަހަޅަންވެސް މުއްދަތެއް ދޭނެ ކަމަށެވެ. އެގޮތުން އެ ލިސްޓާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ޖުލައި 12 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

އެކަމަކު ދާއިމީ ވޯޓާސް ލިސްޓު އާންމު ކުރާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ. މިއަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމު ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އަދި ޝަކުވާ ހުށަހެޅުމަށް ދިމީ 10 ދުވަހުގެ މުއްދަތެކެވެ.

އެ މުއްދަތު މިމަހުގެ 20 ވަނަ ދުވަހު ހަމަވި އިރު ވޯޓާސް ލިސްޓަށް 1778 ޝަކުވާ ހުށަހެޅި ކަމަށް އީސީން ހާމަކުރި އެވެ. އޭގެ ތެރޭގައި ގިނައީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނުމާއި 18 އަހަރުން ދަށުގެ ކުދިންގެ ނަންތައް ލިސްޓުގައި ހުރުން ފަދަ ޝަކުވާ އެވެ.

އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ ޖުލައި 15 ވަނަ ދުވަހު އެވެ. އީސީން ބުނީ އިންތިހާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކޮމިޝަނުން  ވަމުންދާ ކަމަށާއި، މި އިންތިހާބަކީ އެންމެ ހުޅުވާލެވިގެން ބާއްވާ ހާމަކަން ބޮޑު އިންތިހާބަށް ވާނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް