ސައުދީ އަށް ބޮޑު ރެއެއް: ދަންވަރު 12 ޖެހުމާއެކު ކަނބަލުން ވެހިކަލްގައި މަގުތަކަށް

ރޭގެ ދަންވަރު 12 ޖެހުމާއެކު ސައުދީ އަރަބިއްޔާގެ ބޮޑެތި މަގުތައް ވަނީ ވެހިކަލްތަކުން ފުރާލާފަ އެވެ. ޑްރައިވިން ސީޓްގައި ތިބީ މުޅިންވެސް އަންހެނުންނެވެ. ސައުދީ ކަނބަލުން ކުރަމުން އައި ދިގު އިންތިޒާރަކަށ...

23 Jun 2018 | 23:01

ރޭގެ ދަންވަރު 12 ޖެހުމާއެކު ސައުދީ އަރަބިއްޔާގެ ބޮޑެތި މަގުތައް ވަނީ ވެހިކަލްތަކުން ފުރާލާފަ އެވެ. ޑްރައިވިން ސީޓްގައި ތިބީ މުޅިންވެސް އަންހެނުންނެވެ. ސައުދީ ކަނބަލުން ކުރަމުން އައި ދިގު އިންތިޒާރަކަށް ނިމުން އައީ އެވެ. އާދެ މިއަދަކީ ސައުދީގައި އަންހެން ކަނބަލުންނަށް ރަސްމީކޮށް ވެހިކަލް ދުއްވުމުގެ ހުއްދަ ލިބިގެން ދިޔަ ދުވަހެވެ.

"މިއީ އަހަރެމެންގެ ވަގުތު" ކާރުގައި ދުއްވަން އުޅުނު އަންހެނަކު މީޑިއާއަށް މައުލޫމާތު ދެމުން ބުންޏެވެ. އޭނާ ބުނީ މިއަދު އިންތިހާއަށް އުފާވާކަމަށާއި ދިރިއުޅުން އާ ހަރުފަދަކަށް ގެންދަން ލިބުނު މިއީ ހިތްވަރެއް އަދި ފުރުސަތެއް ކަމަށެވެ.

އެއް ކާރުގައި ތިބީ އުމުރުން 65 އަހަރުގެ މުނި މާމައަކާއި މަންމައަކާއި ބޮޑު ދައިތަ އާއި އަންހެން ދަރި އެވެ. ކުރުކޮށް ބުނާނަމަ ހުރިހާ ޖެނަރޭޝަނަކަށް ފެތޭގޮތަށް އާއިލާއެއްގެ އަންހެން ކަނބަލުންނެވެ. އެ ކާރުގައި އިން އެންމެ އުމުރުން ދުވަސްވީ މީހާ ބުނެފައިވަނީ މިއީ ހަޔާތުގައިވެސް ފެންނާނެ ކަމުގައި ކަމުގައި އުންމީދު ނުކުރާ ކަމަށެވެ.

ވެހިކަލްތަކުގައި ކަނބަލުން މަގުތަކަށް ނިކުތުމާއެކު ސައުދީ ޓްރެފިކް ޑިޕާޓްމެންޓްވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައި އެވެ. ސައުދި ކަނބަލުން ވެހިކަލް ދުއްވުމުގެ ހުއްދަ ދޭން ރަސްގެފާނު ނިންމެވީ މިދިޔަ އަހަރުގެ ތެރޭގައި އެވެ. މިހާ ދުވަހު ސައުދީ ދިޔައީ އެކަމަށް ތައްޔާރުވަމުންނެވެ. ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްފައި ވެ އެވެ. ކަނބަލުންނަށް ހާއްސަ ޑްރައިވިން ސްކޫލުތަކާއި ޓްރެފިކް ވަޒީފާތައް އުފައްދާފައި ވެ އެވެ.

ސައުދީ ކަނބަލުންނަށް ލިބުނު މި އުފާވެރިކަން އެ ކަނބަލުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އަންނަނީ ބަންޑުން ކުރަމުންނެވެ.

މި ބަދަލާއެކު ސައުދީގައި މިހާރު ވަނީ މިކަމަށް ބާރުލިބޭ އިތުރު ގާނޫނެއްވެސް ވުޖޫދަށް ގެނެސްފައި އެވެ. އެއީ ފުރައްސާރަކުރުމާއި ދެކޮޅު ގާނޫނެވެ. އެ ގާނޫނުގެ ދަށުން ކުށްވެރިވާ މީހަކަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ތިންލައްކަ ސައުދީ ރިޔާލުގެ ޖޫރިމަނާއެއް އަންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް