އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ފެށުން ދާއިމީ ބަދަލަކަށް ވުންވެސް ގާތް: މިނިސްޓަރު

ކޯވިޑް-19 އާއި ގުޅިގެން އަންނަ އަހަރުގެ ދިރާސީ އަހަރު ފަށާނީ އަހަރުގެ މެދުތެރޭންކަން މިހާރު އިއުލާނުކޮށްފައިވާއިރު މި ބަދަލަކީ ދާއިމީ ބަދަލަކަށްވުން ގާތް ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ...

24 May 2020 | 11:04

ކޯވިޑް-19 އާއި ގުޅިގެން އަންނަ އަހަރުގެ ދިރާސީ އަހަރު ފަށާނީ އަހަރުގެ މެދުތެރޭންކަން މިހާރު އިއުލާނުކޮށްފައިވާއިރު މި ބަދަލަކީ ދާއިމީ ބަދަލަކަށްވުން ގާތް ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދޭ ކޯވިޑް-19 ކަވަރޭޖަށް ރޭ ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު މި އަންނަ ބަދަލުތަކާއެކު އަންނަ އަހަރުގެ މޭ، ޖޫންގައި އިމްތިހާނުތައް ހަދާ ދަރިވަރުން އިތުރު ހަ މަސްވަރު ސްކޫލްގެ ދަރިވަރުންގެ ގޮތުގައި މަޑުކުރަން އެބަޖެހޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަމާއި އަދި ތަކެތީގެ ދަތިކަން ކުރިމަތިވާނެ ކަމަށެވެ.

އަދި މި އަންނަ އަހަރުގެ ދިރާސީ އަހަރު ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައިކަމަށްވާއިރު މިއީ ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ބެލެނިވެރިންނާ، ދަރިވަރުން އަދި ސްކޫލުތައް ހިމެނޭހެން މިހާރު މަޝްވަރާ ކުރެވެމުން އަންނަ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"ފަހަރުގައި މި ބަދަލަކީ ދާއިމީ ބަދަލަކަށް ވުންވެސް ގާތް" މިނިސްޓަރު ވިދާޅުވިއެވެ.

މި މައުލޫގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަހަރު މެދުތެރެއަށް ބޮޑު ޗުއްޓީ ގެނައުމުގެ ވާހަކައަކީ ކުރިންވެސް ދައްކަމުންދިޔަ ވާހަކައެއް ކަމުގައިވާއިރު މިއީ މި ކަހަލަ ބަދަލެއް ގެންނަން ރަނގަޅު ފުރުސަތެއް ކަމަށެވެ.

އެހެންނަމަވެސް މިފަދަ ބަދަލެއް ގެންނާނީ މަޝްވަރާތައް ކުރުމަށްފަހުގައި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް