61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގާ 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިހެން ބުނެފައިވަނީ މިއަދު ހެނދުނު 06:22ގައި ކޮށްފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ބުނެފައިވަނީ މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމް އިސްވެހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން 26 މާރިޗު 2020 ދުވަހު "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ދިވެހިރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ މައްސަލާގައި 11 މީހަކަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
https://twitter.com/PGO_MV/status/1264366095911145472
މި މައްސަލައިގާ ހިމެނޭ 11 މީހުންގެ ވަނަވަރު ފުލުހުން ވަނީ ކުރިން ހާމަކޮށްފައެވެ.
ހައްޔަރު ކުރި މީހުން
1- އަހުމަދު ވިޝާމް/ ގ. ބޮއިލިންފިޝް
2- މުހައްމަދު ހަމީދު/ ގދ. ރަތަފަންދޫ، ގުލްދަސްތާގެ
3- މުހައްމަދު މާއިޝް/ މ. މާކޮޅު
4- މުހައްމަދު ޝާމިން/ މއ. ވިރާހު
5- އަހުމަދު ޝިފާޒް/ ހުޅުމާލޭ ފްލެޓް 06ޖީ4
6- އަބްދުﷲ ޝާމް/ މއ. ބޯޅަކިންކިރިމާގެ
7- ހުސައިން ސުނާޒް/ މ. މުލި، ސޯސަންވިލާ
8- ސައުދުﷲ ރަޝީދު/ މ.ކެޕްރިކޯން
9- މުހައްމަދު ނަޝީދު/ މ.މުލި، ހުދުފިނިފެންމާގެ
10- މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު
11- މުހައްމަދު ރިޟްވާން އިބްރާހިމް/ މ. މުލި، މުސްތަރީގެ
މަސްތުވާތަކެއްޗާއެކު މި މީހުން އަތުލައިގަތް އޮޕަރޭޝަނާމެދު ފުލުހުން ކުރިން ބުނެފައިވަނީ މި އަހަރުގެ މާރިޗް މަހުގެ 20 ވަނަ ދުވަހު ގ. ބޮއިލިންފިޝް އަހްމަދު ވިސާމާއި އިތުރު ބަޔަކު ގުޅިގެން ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމަތަކާ ގުޅިގެން އެ ދޯންޏާއި މާލެ އަދި ހުޅުމާލެ ހިމެނޭހެން ހަތަރު ގެއެއް ބަލައިފާސްކުރި ކަމަށެވެ.
އެ އޮޕަރޭޝަންގައި 61 ކިލޯގެ ހެރޮއިން އާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އޭރު ބުނެފައިވާގޮތުގައި 61 ކިލޯގެ ހެރޮއިންގެ އަގު 72 މިލިޔަން ރުފިޔާއަށް އަރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް