ހުޅުމާލޭގައި އުމުރުން ހަ އަހަރު ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސި ގޯނާ ކުރި މައްސަލައެއް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ބަލަން ފަށައިފިއެވެ.
މިކަމުގައި ފުލުހުންގެ ބަހެއް ހޯދާލަން މަސައްކަތް ކުރި ނަމަވެސް ފުލުހުންގެ އެއްވެސް މީޑިއާ އޮފިޝަލަކު ފޯނަށް ޖަވާބު ނުދެއްވާތީ ދުވަހަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބައެއް މިހާރު ނޫހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ރޭ ދަންވަރު 1:00 ހާއިރު ކުޑަ ދެ ފިރިހެން ކުއްޖަކާމެދު ފިރިހެނަކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އަދި އެ މައްސަލައިގާ އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށްވެސް ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދެކުއްޖަކަށް މާލޭ ސަރަހައްދުން ޖިންސީ ގޯނާވެގެން ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި ފުލުހުންނާއެކު ޖެންޑަރ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މައްސަލައިގާ ހިމެނޭ ކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އާއިލާއާއި ގުޅިގެން ވަނީ އެޅިފައި ކަމުގައިވެސް ޖެންޑަރ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ދެކުދިންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ރޭގެ ވަގުތެއްގައި އެކުދިން ގެންގޮސްފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު މާލެއިން ދެކުނުގެ ރަށެއްގައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ނިމިދިޔަ ހަފްތާގައި މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އެ އަންހެން ކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ.
އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 71 އަހަރުގެ ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް