ދައުރުވަމުން އަންނަނީ ބުހުތާނު ދޮގު މެސެޖެއް ކަމަށާއި މަޖިލިސް ރައީސް ކަމަށް ކުރިމަތިލުމަށްފަހު ނަން އަނބުރާ ނަގަން ޖެހޭވަރުގެ އިތުރު ނަމެއް ނެތްކަމުގައި އެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވިއިރު ނޫސްތަކުގެ އެޑިޓޯރިއަލް އަށާއި އަލަށް އިންތިހާބުވި މަޖިލިސް މެމްބަރުންނަށް އަސްލަމްގެ ނަމުގައި މިއަދު މެސެޖެއް ފޮނުވާފައިވެއެވެ. އެ މެސެޖުގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދުމަށް އަސްލަމް އޭނާގެ ނަން އަނބުރާ ގެންދަވައި، މަޖިލިސް ރައީސް ކަމުގެ ރޭހުގައި ހިމެނި ވަޑައިވަޑައިގަންނަވާ ވިލުފުށީ ދައިރާ އިންތިހާބީ މެމްބަރު ހަސަން އަފީފަށް ތާއީދު ކުރަން ނިންމަވާފައިވާ ކަމަށެވެ.
ނަމަވެސް ދުވަހަށް މައުލޫމާތުދެއްވަމުން އެކަން އަސްލަމް ދޮގު ކުރެއްވިއެވެ.
"އެއީ ކަނޑައެޅިގެން ބުހުތާނު ދޮގު މެސެޖެއް، އަޅުގަނޑުގެ ފޯނުން ފޮނުވިފަ އިން މެސެޖެއް ނޫން، ކޮންމެވެސް އެހެން ގޮތަކުން ފޮނުވާފައި އިން މެސެޖެއް" އަސްލަމް ދުވަހަށް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ނަން އަނބުރާ ނެގުމުގެ ހަމަ އެއްވެސް ވަރަކަށް ވިސްނުން ނުގެންގުޅުއްވާކަމަށާއި ނަން އަނބުރާ ނަގަން ޖެހޭ ވަރުގެ އިތުރު ނަމެއް އެ މަގާމަށް ކުރިމަތިލާފައި ނެތް ކަމަށެވެ.
"އަޅުގަނޑަށްވުރެ ރަނގަޅު ބޭފުޅަކު ހުރިނަމަ އެގޮތަށް ވިސްނާނީ، އެވަރުގެ ނަމެއް ނެތް" އަސްލަމް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ކަމުގެ މަގާމަށް ފަސް ބޭފުޅަކު ވާދަކުރައްވާއިރު ބެލެވޭގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވަނީ އަފީފަށެވެ. އަދި ރައީސް ނަޝީދު ތާއީދު ކުރައްވަނީ އަސްލަމަށް ކަމުގައިވެސް ބެލެވެއެވެ.
މަޖިލީހުގެ ރައީސްކަމަށް އަފީފާއި އަސްލަމްގެ އިތުރަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ، ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
މަޖިލިސް ރައީސް ކަމަށް ނެރޭނެ މެމްބަރަކު ހޮވުން އަންނަ ހޯމަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެޕާޓީން މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރަކު ހޮވާނީ އެ ޕާޓީގެ ޕީޖީގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް