އެދެވޭގޮތުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ނުކުރެވުނު މީހުންނަށްވެސް، ފަހުދިހައަކީ ރަނުގެ ފުރުޞަތެއް: ޚުތުބާ

ބަރަކާތްތެރި ރަމަޟާން މަހުގެ ދެވަނަ ދިހައެއް ނިމި ފަހު ދިހައެއް ފެށެން ގާތްވެފައިވާ މި ދަނޑިވަޅުގައި އަދުގެ ހުކުރު ޚުތުބާގައި އަލި އަޅުވާލާފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަމުގެ މައްޗަށެވެ....

24 May 2019 | 10:10

ބަރަކާތްތެރި ރަމަޟާން މަހުގެ ދެވަނަ ދިހައެއް ނިމި ފަހު ދިހައެއް ފެށެން ގާތްވެފައިވާ މި ދަނޑިވަޅުގައި އަދުގެ ހުކުރު ޚުތުބާގައި އަލި އަޅުވާލާފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަމުގެ މައްޗަށެވެ.

އެގޮތުން ރަހްމާނުވަންތައް ﷲގެ އޯގާވަންތަކަމުން އަޅުގަނޑުމެންނަށްޓަކައި ފަހުދިހައިގެ ތެރޭގައި ބަރަކާތުން ފުރިގެންވާ ރެއެއް ލައްވާފައިވާކަމާއި އެއީ ލައިލަތުލް ޤަދްރިވިލޭރޭކަމާއި ﷲ ތައާލާ އެރޭގެ އަޅުކަން އެއްހާސް މައްސަރަށްވުރެ މާތްކުރެއްވިކަން އަދުގެ ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

"އެއްހާސް މައްސަރަކީ ގާތްގަނޑަކަށް 83 އަހަރެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް 83 އަހަރު، ކޮންމެ ދުވަހަކު ހުރިހައި ވަގުތެއް އަޅުކަމުގައި ހޭދަކުރެވޭނެތޯއެވެ؟ އަޅުގަނޑުމެން 83 އަހަރު ދުނިޔޭގައި ދިރިއުޅުނު ކަމުގައިވިޔަސް އެމުއްދަތުގެ މަދު އިންސައްތައެއް މެނުވީ އަޅުގަނޑުމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވޭނެއެވެ. އެހެންކަމުން ލައިލަތުލް ޤަދްރުވިލޭރެއަކީ ރަޙްމާންވަންތަ ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން އަޅުގަނޑުމެން ހިތަށް ނުގެނެވޭނެފަދަ ދީލަތިވަންތަ ބަރަކާތްތެރި ދެއްވުމެކެވެ" ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަން ބަޔާންކޮށްދެމުން އަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވާގޮތުގައި ކުރިއަށް އޮތް އަހަރަށް އަޅުގަނޑުމެން ފޮނި އުއްމީދުތަކެއް ކުރަމުންދާއިރު، އެ އަހަރު ދުނިޔެ ދޫކުރަން ޖެހުމަކީވެސް އެކަށީގެންވާކަމެކެވެ.

"އެހެންކަމުން މި ފަނާވަނިވި ދުނިޔޭގެ އަރާމާއި ލައްޛަތަށްވުރެ އާޚިރަތް އިސްކުރަމާތޯއެވެ! އަދި ލައިލަތުލް ޤަދްރިވިލޭރޭ، ﷲ ތައާލާ ހުރިހާ ނިޔާއެއް އިޢުލާން ކުރައްވާ ހިނދު، އެ އިލާހު ރުއްސަވާ ހެޔޮ ޢަމަލެއްގައި ވުމަށް މަސައްކަތް ކުރަމާތޯއެވެ! އެރޭ ﷲ އަށް މުނާޖާ ދަންނަވައި ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ދުޢާ ކުރުމުގައި ތިބޭ މީހުންގެ ތެރެއިން ވަމާތޯއެވެ! އެރޭގެ ދުޢާގެ ސަބަބުން ޢުމުރު ދިގުވެ، ރޯދި ބަރަކާތުގެ ދޮރުތައް އެބަޔަކަށް ހުޅުވޭ މީހުންގެ ތެރެއިން ވުމަށް ގަދައަޅައި މަސައްކަތް ކުރަމާތޯއެވެ!" ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ އެދެވޭގޮތުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ނުކުރެވުނު މީހުންނަށްވެސް، ފަހުދިހައަކީ ރަނުގެ ފުރުޞަތެއްކަން ފާހަގަކޮށް ފަހު ދިހައިގައި ހެޔޮ ޢަމަލު ގިނަކޮށްގެން ލައިލަތުލް ޤަގްރިވިލޭރޭގެ ސަވާބު ލިބިގެންފިމީހަކަށް އެލިބުނީ އެމީހެއްގެ ޙަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބުކަން ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. އަދި  އެރޭ ﷲ ތައާލާ އެއްކައުވަންތަކުރާ ޙާލު އެ އިލާހުގެ ހަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން އަޅުކަން ކޮށްފިމީހާއަށް އޭނާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭނެ ކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ محمد صلى اللّه عليه وسلم ވަނީ ދެއްވާފައިވާކަން ފާހަގަކޮށްފައިވެއެވެ.

"ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މިރެއަކީ އެއްއަހަރުން އަނެއް އަހަރަށް ބަދަލު އަންނަ ރެއެކެވެ. އަބަދު އެއްރެއެއްގެ ގޮތުގައި ޘާބިތުވެ އޮންނަ ރެއެއް ނޫނެވެ. އެހެންކަމުން، ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ލައިލަތުލް ޤަދްރިވިލޭރެ ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ!، ފަހު ދިހައިގައި ހެޔޮ އަމަލުތައް ގިނަކުރާށެވެ! ފަރުޟު ފަސްނަމާދު ފުރިހަމައަށް އަދާކުރުމަށްފަހު، ރަވާތިބު ސުންނަތްތައް ވެސް އަދާކުރެވޭތޯ ބަލާށެވެ! ޟުޙާ ނަމާދާއި ތަރާވީޙު ނަމާދުގެ އިތުރުން ދަމުނަމާދާއި ރޭ އަޅުކަންވެސް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ! އަދި ޤުރުއާން ކިޔެވުން ގިނަ ކުރުމާއި ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނައި އޭގެ މާނައާމެދު ފިކުރު ހިންގޭތޯ ބަލާށެވެ! ހުރިހާ ވަގުތެއްގައި ޛިކުރު ކުރުމާއި ފަޤީރުންނާއި މިސްކީނުންނަށް ޞަދަޤާތް ކުރުމަށް ސަމާލުވާށެވެ! ފަހު ދިހައިގައި އިޢުތިޚާފަށް އިނުމާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި އިޙްސާންތެރި ވާށެވެ!" ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

އަދުގެ ހުކުރު ޚުތުބާގައި އިތުރަށް ފާހަގަކުރިގޮތުގައި އިޢުތިކާފަށް އިންނަމީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، ﷲ އަށް އަޅުކަންކުރުމާއި ޛިކުރު ކުރުމުގައި ވަގުތު ހޭދަކުރަންވާނެއެވެ. އަދި މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުޠާހިރު ކަމަށާއި މިސްކިތުގެ ޙުރުމަތަށް ބަލަންވާނެއެވެ. އަދި ހަމައެއާއެކު އިޢުތިކާފުގައި ތިބޭ މީހުންނަށް އެކަމުގެ ފުރުޞަތު ފަހިކޮށްދީ، ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިއުމަކީވެސް މުހިއްމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް