ދިއްފުށީ ހަމަނުޖެހުންތަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

ދުއްފުށީގައި މިދިޔަ ދެ ރޭ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މިދިޔަ ދެރޭގެ ހަމަނުޖެހުންތަކުގައި ތިން މީހަކު ވަރަށްބޮޑަށް ޒަހ...

24 May 2019 | 07:52

ދުއްފުށީގައި މިދިޔަ ދެ ރޭ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ދެރޭގެ ހަމަނުޖެހުންތަކުގައި ތިން މީހަކު ވަރަށްބޮޑަށް ޒަހަމްކޮށްލާފައިވެއެވެ. އިއްޔެރޭގެ ހަމަނުޖެހުންތަކުގައި ޒަހަމް ކޮށްލި ދެމީހުންގެ ތެރެއިން އެކަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ރޭގެ ހަމަނުޖެހުންތަކުގައި ޒަހަމްކޮށްލި މީހާވެސް ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ.

ފުލުހުން ބުނެފައިވާގޮތުގައި ރޭ 10:30 ހާއިރު ކ. ދިއްފުށީގައި މާރާމާރިއެއް ހިންގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އެ މާރާމާރީއަކީ ކުރީ ރޭ އެރަށުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހިންގި މަރާމާރީއެއްކަން އެނގިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

"މި މާރާމާރީގައި އެކަކަށް އެކިވަރުގެ އަނިޔާ ލިބިގެން އައިޖީއެމް ހޮސްޕިޓަލަށް ގެނެވިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ދެ ރޭގެ މަތިން ދިއްފުށީގައި ހިނގާދިޔަ ހަމަ ނުޖެހުންތަކުގައި ކޯޓުގައި އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ދިއްފުށީގެ މި ހަމަނުޖެހުންތަކަކީ އެ ރަށުގައި ވައްކަން ކުރުން އިންތިހާއަށް ގޮސްފައިވާތީ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ހިންގި ހަމަނުޖެހުންތަކެކެވެ. އެގޮތުން މީގެ ކުރިން އެ ރަށުގެ ފިހާރައަކުން ދެ ލައްކަ ރުފިޔާއާއެކު ގެއްލުނު ތިޖޫރިއެއް، ރައްޔިތުން ނިކުމެ ރޭގައި ހޯދިކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް