ކުޜީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ދަފްތަރު ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދު 11:00 ގައި އެ މިނިސްޓްރީގައި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އާންމުކޮށް ހުޅުވާލާފައިވާ މި ދަފްތަރުގައި ޝުއޫރު ފާޅު ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ.
ޑރ މަޖީދު އަވަހާރަވީ މިދިޔަ އަންގާރަ ދުވަހު ސްރީލަންކާގެ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަންތަކެއް ކުރި އިރު ހާލު ސީރިއަސްވެ އާދިއްތަ ދުވަހުން ފެށިގެން ނޭވާލަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައި އެވެ.
ޑޜ މަޖީދުގެ ޖަނާޒާ ބޭއްވީ އިއްޔެ މެންދުރު ލަންކާގައި އެވެ. އޭނާގެ މައްޗަށް ޣައިބުގައި ކުރެވުނު ކަށު ނަމާދު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮށްފައިވެ އެވެ. އަދި ސައުދީ އަރަބިއްޔާ އާއި އިނގިރޭސި ވިލާތުގައި ޑރ މަޖީދުގެ މައްޗަށް ޣައިބުގައި ކަށު ނަމާދު ކުރި އެވެ.
ޑރ މަޖީދަކީ ގުރުއާން ތަފުސީރުން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ އެވެ. އަދި އެއީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ އިތުރުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް