N/A
އީރާނު ހަނގުރާމައިގެ ސަބަބުން ޖެޓް ފިއުލް އަގު ދެ ގުނައަށް އުފުލި، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ފްލައިޓް މަދުކުރަމުންދާ ވަރު ބޮޑުވެ، މެއި-ޖޫންގައި ވައިގެ ދަތުރުފަތުރަށް "ސިސްޓެމިކް" ހީނަރުކަމެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ހަކަތައިގެ ދާއިރާގެ ތަޖުރިބާކާރުން ދީފިއެވެ.
ކިހާ ފްލައިޓެއް ކެންސަލް ކޮށްފި؟
ޔޫރަޕުގެ އެންމެ ބޮޑު އެއާލައިން ގްރޫޕް، ލުފްތާންސާ ގްރޫޕުން ވަނީ މެއި އިން އޮކްޓޯބަރަށް 20,000 ޝޯޓް-ހޯލް ފްލައިޓް ކެންސަލް ކުރާނެ ކަމަށް އެޕްރީލް 21 ގައި އިއުލާނުކޮށްފައެވެ. މީގެ ކުރިން އެ ގްރޫޕުން ވަނީ ރީޖަނަލް ސަބްސިޑިއަރީ ސިޓީލައިންގެ 27 ބޯޓުގެ ފްލީޓް ދާއިމީކޮށް ގްރައުންޑް ކޮށްފައެވެ.
ނަމަވެސް ފްލައިޓް މަދުކުރަމުން ދަނީ ހަމައެކަނި ލުފްތާންސާ އެއް ނޫނެވެ. ސެސް (އެސްއޭއެސް) އިން 1,000 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ކޮށް، ކެތޭ ޕެސިފިކުން ޝެޑިއުލުން ދެ އިންސައްތަ އުނިކޮށް، ކޭއެލްއެމް އިން 160 ފްލައިޓް ކެންސަލް ކޮށް، އެއާ ނިއު ޒީލެންޑުން 1,100 ފްލައިޓް ކެންސަލް ކޮށް، ވިއެޓްނާމް އެއާލައިންސް އިން ޑޮމެސްޓިކް ފްލައިޓުގެ 26 އިންސައްތައާ ހަމައަށް ކަނޑާލައިފައެވެ. ޔުނައިޓެޑް އެއާލައިންސް އިން ވެސް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ޝެޑިއުލުން ފަސް އިންސައްތަ ކަނޑާލައިފައެވެ. ސިރިއަމް ލިމިޓެޑްގެ ތަފާސްހިސާބު ދައްކާ ގޮތުން މެއި މަހަށް ދުނިޔޭގެ އެންމެ ބޮޑު 20 އެއާލައިނުގެ ތެރެއިން 19 އެއާލައިނަކުން ވަނީ ފްލައިޓް މަދުކޮށް، ގްލޯބަލް ކެޕޭސިޓީ ތިނެއް އިންސައްތަ ދަށްކޮށްފައެވެ.
ޖެޓް ފިއުލް އަށް ޖެހިދާނެތަ ؟
ހޮރްމުޒް ކަނޑުއޮޅި ބަންދުވެ ތެލުގެ ސަޕްލައި މެދުކެނޑުމާ އެކު ޖެޓް ފިއުލް ދެ ގުނައަށް އުފުލިފައިވާ ކަމަށް އެއާލައިންތަކުން ބުނެއެވެ. ޔޫރަޕަށް ބޭނުންވާ ޖެޓް ފިއުލްގެ 40 އިންސައްތަ ސަޕްލައި ކުރާ ހޮރްމުޒް ކަނޑުއޮޅިން ހަނގުރާމަ ފެށީއްސުރެ އެންމެ ފީފާއެއް ވެސް ހުރަސްކޮށް ޔޫރަޕަށް ނުދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އައިއީއޭގެ ޑިރެކްޓަރ ފާތިހް ބީރޮލް ބުނީ ޔޫރަޕުގައި ހުރީ ގާތްގަނޑަކަށް ހައެއްކަ ހަފުތާގެ ޖެޓް ފިއުލް ރިޒާވް ކަމަށެވެ. ބައެއް ޔޫރަޕް ޤައުމުތަކުގައި ރިޒާވް 20 ދުވަހަށް ވުރެ ދަށަށް ގޮސްފައިވާ އިރު، އިތުރަށް އަދަދު ދަށަށް ދާނަމަ އެއާޕޯޓުތަކުން ފިޒިކަލް ޝޯޓޭޖް ފެށިދާނެ ކަމަށް އައިއީއޭ އިން އިންޒާރު ދީފައިވެއެވެ.
މެދުއިރުމަތީ ބޮޑެތި އެއާލައިންތަކުންވެސް ހަމަ އެ މަންޒަރު !
ޔޫރަޕާއި އެމެރިކާގެ ކެރިއާތަކެކޭ އެއްފަދައިން މެދުއިރުމަތީ ބޮޑެތި އެއާލައިންތައް ވެސް ދަނީ ފްލައިޓް ބޮޑުތަނުން މަދުކުރަމުންނެވެ. އެމިރޭޓްސް އިން ވަނީ މުޅި A380 ފްލީޓް އެޕްރީލް-މެއި ގައި ގްރައުންޑް ކޮށް، ޔޫރަޕުގެ ބައެއް ރޫޓުތައް ކަނޑާލައި، ޒޫރިކް-މިއުނިކް-މިލާންގެ A380 ފްލައިޓް 50 އިންސައްތަ މަދުކޮށްފައެވެ. ގަތަރު އެއާވޭސް އިން ވަނީ A380 ފްލީޓް ސެޕްޓެމްބަރާ ހަމައަށް ސަސްޕެންޑް ކޮށް، ޕެރިސް-ސިންގަޕޫރު-ސިޑްނީ ރޫޓުތައް ކުދި ބޯޓުތަކަށް ބަދަލުކޮށްފައެވެ. ކެތޭ ޕެސިފިކުން ދުބާއި-ރިޔާޛް ރޫޓު ޖޫން ނިޔަލަށް ސަސްޕެންޑް ކުރި އިރު، ސިންގަޕޯ އެއާލައިންސް ވެސް ވަނީ ވަކި ރޫޓުތަކަކުން ފްލައިޓް މަދުކުރަން ފަށައިފައެވެ.
ރާއްޖެއަށް ކުރާ އަސަރަކީ ކޮބާ؟
ރާއްޖެއަށް އަންނަ ފަތުރުވެރީންގެ 30-35 އިންސައްތަ ޓްރާންސިޓް ކުރަނީ ދުބައި، ދޯހާ، އަބޫ ދަބީ މެދުވެރިކޮށް ކަމަށްވާ އިރު، އެ ހަބްތަކުގެ ފްލައިޓް މަދުވުމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ފޯރައެވެ. ރާއްޖޭގެ ލަގްޒަރީ އެއާލައިން ބީއޮންޑް ވަނީ ހުރިހާ ފްލައިޓެއް އޮކްޓޯބަރާ ހަމައަށް ހުއްޓާލައިފައެވެ. ނަމަވެސް ބްރިޓިޝް އެއާވޭސް، އެއާ އިންޑިއާ، އެއާރޮފްލޮޓް ފަދަ އެއާލައިންތަކުން ވަނީ މެދުއިރުމައްޗަށް ޓްރާންސިޓް ނުކޮށް ސީދާ ރޫޓުތައް އިތުރުކޮށްފައެވެ. ސަރުކާރުން ވެސް ދަނީ ޗައިނާ އާއި އިންޑިއާ ބާޒާރަށް ފޯކަސް ކޮށް، އެ ގެއްލުން ފޫބެއްދުމަށް މަސައްކަތް ކުރަމުންނެވެ.
ކުރިއަށް އޮތީ ކޮން މަންޒަރެއް؟
ފައިނޭންޝަލީ ބަލިކަށި އަގުހެޔޮ އެއާލައިންތައް ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރު ފިޗް ރޭޓިންގްސް އިން ދީފައިވެއެވެ. ޑެލްޓާގެ ސީއީއޯ ބުނީ މި ކުއާޓަރުގައި ތެލަށް އެކަނި އިތުރު 2.5 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. މިހާރު ހަމަލަ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ހޮރްމުޒް ކަނޑުއޮޅީގައި ދެ ބްލޮކޭޑް އަދިވެސް އޮތީ ހަމަ ކުރިއަށެވެ. މާދަމާ ހުޅުވުނަސް ޖެޓް ފިއުލް ސަޕްލައި ނޯމަލް ވުން ޖުލައި މަހާއި ހަމައަށް ދެމިގެންދާނެކަމަށް ހަކަތައިގެ ދާއިރާގެ ތަޖުރިބާކާރުން ލަފާކުރެއެވެ. ހޮރްމުޒް ކަނޑުއޮޅީގައި ހުރި މައިންތައް ނެގުމަށް އެކަނި ވެސް ހަ މަސް ދުވަސް ނަގާނެ ކަމަށް ޕެންޓަގަނުން ލަފާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް