ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއްސުޢޫދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް އޭނާ ޙާޒިރުކޮށް ބަޔާންނަގައިފިއެވެ.
ޙުސްނުއްސުޢޫދު ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ޝަރުޢީ ދާއިރާއާގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.
ހުސްނުއްސުޢޫދު ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަ ފުޅުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށާއި އެކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އިތުބާރު ނެތްކަމަށް ވިދާޅުވެވަފައިވެއެވެ.
އެގޮތުން މި މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައި ސުޢޫދު ޑީޖޭއޭއަށް ޙާޒިރުކޮށްފައިވަނީ މިއަދު މެންދުރު އެއްގަޑި ފަނަރާގައެވެ.
އަދި ޑީޖޭއޭއިން ނިކުމެވަޑައިގެން ސުޢޫދު ވިދާޅުވީ، އޭނާގެ ވާހަކަތަކަކީ ވަކި ނަތީޖާއެއް ނެރުމަށް ދެއްކެވި ވާހަކަތަކެއްތޯ ޑީޖޭއޭއިން ސުވާލުކުރެއްވިކަމަށާއި ނަމަވެސް އެއީ އެއްވެސް ވަކިނަތީޖާއެއް ނެރުމަށް ދެއްކި ވާހަކަތަކެއް ނޫންކަމަށެވެ. އަދި ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުމުގެ މިނިވަންކަމުގެ ބޭނުން ހިއްޕެވީކަމަށް ވިދާޅުވެފައިވާނެކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.
ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ޙުސްނުއްސުޢޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެން، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް