ދިވެހިރާއްޖޭގެ އެކި ސިނާޢަތްތަކުގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، "މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ކުންފުންޏެއް އުފައްދަވައިފިއެވެ.
މި ކުންފުންޏަކީ، ރާއްޖޭގެ އިންވެސްޓަރުންނާއި ބައިނަލްއަޤްވާމީ ބާޒާރުތަކުން ހެޔޮ އަގުގައި ފަންޑު ސްޓްރަކްޗަރތައް މެދުވެރިކޮށް، ފައިނޭންސް ހޯދުމަށް ޚާއްޞަކުރެވިގެން އުފެއްދެވި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް މި ކުންފުނި އުފެއްދެވީ، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ޤައުމުގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި، ކުރެވޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމަށްޓަކައި، ލިބޭ ނަފާއާއި ނަގަންޖެހޭ ރިސްކުތައް މެނޭޖުކުރެވޭފަދަ އިންތިޒާމެއް ޤާއިމުކުރުމަށް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މި ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް