އިނާޔަތް ހޯދުމަށް މުސްތަފާ ހުށައެޅި އިޞްލާޙު އަނބުރާ ނަގަނީ

މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް އިތުރު އިނާޔަތާއި އިމްތިޔާޒް ލިބޭގޮތަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ހުށައެޅުއްވި އިޞްލާޙު އަނބުރާ ނެގުމަށް ނިންމައިފިއެވެ. މި އ...

24 Apr 2019 | 08:55

މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް އިތުރު އިނާޔަތާއި އިމްތިޔާޒް ލިބޭގޮތަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ހުށައެޅުއްވި އިޞްލާޙު އަނބުރާ ނެގުމަށް ނިންމައިފިއެވެ.

މި އިސްލާހަށް ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ، ދައުލަތުގެ އެއްވެސް ހިމާޔަތަކާއި އިނާޔަތަކާއި ރައްކާތެރިކަން ބޭނުންނުވާ ކަމަށާއި، މި އިސްލާހު އަނބުރާ ނެގުމަށް ނިންމަވާފައިވަނީ އެއްވެސް ސަރުކާރަކުން މިހާތަނަށް އޭނާގެ މުދަލަށް ހިމާޔަތް ލިބިފައި ނުވާތީކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް މުޞްޠަފާ ހުށައަޅުއްވާފައިވާ އިޞްލާޙުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އެއަރޕޯޓުން ވީ.އައި.ޕީ ސަރވިސް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެކަމަށެވެ. އެހެންނަމަވެސް މިހާރު އެ ޤާނޫނުގައި އޮތްގޮތުން މެންބަރުކަން ކޮށްފައިވާ މީހަކަށް އެއަރޕޯޓް ވީއައިޕީ ޚިދުމަތް ފޯރުކޮށްދޭކަށް ނުޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް މުސްތަފާ ހުށައަޅުއްވާފައިވާ އިޞްލާހު ނެގުމަށް ނިންމަވާފައިވީ ނަމަވެސް އެ ޤާނޫނަށް ދިއްދޫ ދާއިރާގެ އިންތިޚާބު ނާކާމިޔާބުވެވަޑައިގެންނެވި ޢަބްދުއްލަޠީފް މުޙައްމަދުވެސް ދެ އިޞްލާޙެއް ވަނީ ހުށައަޅުއްވާފައެވެ.

އެގޮތުން މަޖިލީހުގެ މެންބަރުކަންކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއެއްގެ ދަށުން ބޭސްފަރުވާ ކޮށްދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަން ކޮށްފައިވާ މީހަކު ބޭނުންނަމަ އެ ހެލްތު ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރު ނުވާ ކުދިން ބައިވެރިކުރެވޭގޮތަށް އިސްލާހް ހުށައެޅުމެވެ.

މީގެއިތުރުން މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓްވެސް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެކަމަށާއި، ޕާސްޕޯޓް ހެއްދުމުގެ ޚަރަދު ހަމަޖައްސާނީ އެމީހަކު އަމިއްލައަށްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް