ގދ. ތިނަދޫގައި އިމާރާތް ކުރާ އައު އިންޖނުގޭގެ މަސައްކަތް އަލުން ފެށުމަށް ނިންމަވައިފިއެވެ.
2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި ތިނަދޫ އިންޖީނުގޭގައި އިލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގައި ހުރި ޖެނެރޭޓަރުތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އެހެންކަމުން ތިނަދޫގައި އައު އިންޖީނުގެއެއް އެޅުމަށް ނިންމާފައިވަނީ 2016 ވަނަ އަހަރުއެވެ.
މި އަލިފާނުގެ ހާދިސާގެ ސަބަބުން، އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވުމާއި، އެ ރަށު ރައްޔިތުންނަށް ކުރިމަތިވި ދަތިތަކުގެ ސަބަބުން އޭރުގެ ސަރުކާރުން އައު އިންޖީނުގެއެއް އަޅައިދިނުމަށް ނިންމާފައިވީނަމަވެސް، އޭގެ ފަހުން އިންޖީނުގެ އެޅުމަށްޓަކައި ކުރެވުނު ހަމައެކަނި މަސައްކަތަކަށް ފެންނަން ހުރީ ދަގަނޑު ހޮޅިތަކެއް ޖަހާފައި ހުރި ތަން އެކަންޏެވެ.
މިހާރު މަސައްކަތްކުރަމުން ދަނީ ތިނަދޫ އިންޖީނުގޭގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލެވޭތޯ ކަމަށާއޮ، އެ ރަށުގެ އިންޖީނުގޭގެ ސްޓްރަކްޗަރއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްފަހު އެތަނަށް ބޭނުންވާ ތަކެތި ހޯދުމަށް މިހާރު ބިޑަށް ލާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު، އަޙްމަދު ސަޢީދު ވިދާޅުވިއެވެ.
ތިނަދޫގެ އައު އިންޖީނުގޭގެ މަސައްކަތް އަލުން ފެށުމަށް ނިންމާފައި ވާއިރު، މިހާރުވެސް ދޭތެރެ ދޭތެރެއިން އެރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދަނީ ދިމާވަމުންނެވެ. އަދި އައު އިންޖީނުގޭގެ މަސައްކަތް ނިންމައި އެތަނުން ޚިދުމަތްދޭން ފެށުމުން މިހާރު ތިނަދުއަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް