ގިނަ އަހަރަތެއް ވަންދެން އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔާތް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އެވެ.
މި ބިލްގައި ވަނީ، ޝަރަފުވެރިކަމާއެކު ފަނޑިޔާރު ކަމުން ވަކިވުމަކީ ތަހުޒީބުވެފައިވާ މުޖުތަމައު ތަކުގައި އާންމު އުސޫލެއް ކަމަށާއި 2008 ވަނަ އަހަރު އަމަލު ކުރަންފެށި އާ ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަކީ ދިގު މުއްދަތަކަށް ހިދުމަތްކުރުމުގައި ދެމި ހުރި ބޭފުޅެއް ކަމަށެވެ.
ގާނޫނު އަސާސީގެ 285 މާއްދާގެ ހ ގައި ވަނީ، ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރުކަމުގެ މަގާމްގައި ތިބޭނެ ކަމަށެވެ.
އެގޮތުން ރިޔާޒު ހުށަހެޅުއްވާފައިވާ އެ ބިލްގައި ވަނީ، ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ ކޮންމެ ފަނޑިޔާރަކާއި، ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަކީ ޝަރަފުވެރިކަމާއި އެކު ފަނޑިޔާރުކަމުގެ މަގާމުން ވިކިވާ މީހެއް ކަމަށާއި، އެ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ދައުލަތުގެ ފަރާތުން ލިބިދޭންޖެހޭނެ ކަމަށެވެ.
ރިޔާޒު ހުށަހަޅުއްވާފައިވާ އެ ބިލް މިއަދު ވަނީ މަޖިލީހަށް ބަލައިގަނެ، ބަހުސް ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް