އަލަށް އިފްތިތާހްކުރި ސިފައިންގެ ޑޮކްޓްރީންގެ އެހީގައި، ދިވެހި ސިފައިންގެ ޚިދުމަތް، ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސިފައިންގެ ޑްކްޓްރީން އިފްތިހާތްކުރެއްވައި، ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ސިފައިންގެ ޑޮކްޓްރީންގެ އެހީގައި، ދިވެހި ޢަސްކަރިއްޔާގެ އިސްތިރާޖީ ކުރިމަގު ބައްޓަންވެގެންދާނީ ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކަށް ވެސް ރިޢާޔަތްކޮށް، ދިމާވާ ގޮންޖެހުންތަކާއި ނުރައްކާތަކާ ކުރިމަތިލެވޭނެ ގޮތަށް ކަމަށެވެ. އަދި މި ޑޮކްޓްރީނުން ގެނެސްދޭ ބަދަލުތަކާ އެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ވެގެންދާނީ، ޢަސްކަރިއްޔާއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ، ހުނަރާއި ތަމްރީން ލިބިފައިވާ އަދި ވަސީލަތުގެ ގޮތުން ވެސް، ޤާބިލުކަން ލިބިފައިވާ ލަޝްކަރެއްގެ ގޮތުގައިކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމުން ވެރިކަން ކުރުމުގެ އެއް އަސާސަކީ، ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތްތައް ވެސް، ލާމަރުކަޒު ކުރެވިގެން ދިޔުންކަން ފާހަގަކުރައްވައި، އެކަމަށްޓަކައި މިހާރު ޤާއިމްކޮށްފައި ހުރި އޭރިޔާ ކޮމާންޑްތަކުގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމަށްޓަކައި، ކޯސްޓްގާޑާއި ފަޔަރުގެ ޚިދުމަތް ހިމެނޭ ގޮތުން އިތުރު އައުޓްޕޯސްޓްތައް ޤާއިމުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވާހަކަފުޅުގައި، ސިފައިންގެ ވެލްފެއަރގެ ކަންކަން ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ކުރިޔަށްގެންދަވާ މަސައްކަތްތަކުގެ ތަފްޞީލަށް ވެސް ބައްލަވާލެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެ ބިނާކުރުމުގެ މަސައްކަތް ކުރައްވަނީ، ޤައުމުގެ މައިބަދައަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ބައްލަވައިގެން ކަމަށެވެ. އެހެންކަމުން ދިވެހި ސިފައިންނަކީ، ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން، އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް، ސިފަވަންތަ ބަޔަކަށް ވާންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ދިވެހި ސިފައިން، ސިފަވަންތަ ބަޔަކަށް ހެދުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއްކަން ވެސް ރައީސް ވިދާޅުވިއެވެ.
ސިފައިންގެ ޚިދުމަތަށް 127 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވެވި ޖަލްސާގައި، ރައީސްގެ އަނބިކަނބަލުން ފަޒުނާ އަހުމަދުވެސް ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް