ކާމިޔާބުކަމާއެކު ފުރަތަމަ ބުރު ނިންމުމަށްފަހު ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި

ކާމިޔާބުކަމާއެކު ފުރަތަމަ ބުރު ނިންމުމަށްފަހު ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމ...

24 Apr 2019 | 03:05

ކާމިޔާބުކަމާއެކު ފުރަތަމަ ބުރު ނިންމުމަށްފަހު ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި

ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ފެށި ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރު ފަށައިފިއެވެ.

މިއީ ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ހޯދައި ބީއެމްއެލްގެ އިތުރުން މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ރޭ ޗަމްޕާ ސެންޓްރަލްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ފުރިހަމަ ކުރި 14 ބައިވެރިއަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމްގެ ދެވަނަ ބުރަށް ހޮވުނު 15 ބައިވެރިއަކަށްވެސް ވަނީ އެޕޮއިންޓްމަންޓް ލެޓަރ ދީފައެވެ. މި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ ބޭންކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޢައިޝަތު ނޫރައްދީން އެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޢައިޝަތު ނޫރައްދީން ވިދާޅުވީ " ގައުމީ ޔުނިވާސިޓީ އާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ހިންގާ ގްރެޖުއޭޓް އިންޓަރންޝިޕްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، މެދުކެނޑުމެއްނެތި މި އިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފެށޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ ފަހި ފުރުސަތު މިވަނީ ހުޅުވާލެވިފައި."

މިއީ 'ބީއެމްއެލް ޕްރޮސްޕެކްޓް' ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، ބާރަ މަސްދުވަހުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ. މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ވަނީ ކަނޑއެޅިފައެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ އަށް އެދި ހުށަހެޅުމުގެ ފަހި ފުރުސަތު ލިބޭނެއެވެ.

މުވައްޒަފުންގެ ކަންކަމުގައި ބޭންކުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ބީއެމްއެލް އިން ވަނީ ޖެހިޖެހިގެން ދެ އަހަރު ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް