ލަންކާގައި ދިންފަދަ ހަމަލާއެއް ބަންގްލަދޭޝްގައި ނުދެވޭނެ: ބަންގްލަދޭޝް

ލަންކާގައި ދިންފަދަ ޓެރަރިޒަމް ހަމަލާއެއް ދިނުމުގެ ގާބިލުކަން ޓެރަރިސްޓުންގެ ކިބައިގާ ނުހުންނާނެ ކަމުގައި ބަންގްލަދޭޝްގެ ޕޮލިސް ކައުންޓަ ޓެރަރިޒަމް ޗީފް މޮނީރުސް އިސްލާމް ބުނެފިއެވެ. އޭނާ މިހެން ބުނެފ...

24 Apr 2019 | 02:10

ލަންކާގައި ދިންފަދަ ޓެރަރިޒަމް ހަމަލާއެއް ދިނުމުގެ ގާބިލުކަން ޓެރަރިސްޓުންގެ ކިބައިގާ ނުހުންނާނެ ކަމުގައި ބަންގްލަދޭޝްގެ ޕޮލިސް ކައުންޓަ ޓެރަރިޒަމް ޗީފް މޮނީރުސް އިސްލާމް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އެގައުމުގެ ކްރައިމް ރިޕޯޓާސް އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ.

މޮނީރުލް އިސްލާމް ވިދާޅުވީ ލަންކާގައި އެފަދަ ހަމަލާއެއް ކާމިޔާބުވުމުން ޓެރަރިސްޓުން ތިބޭނީ ވަރަށް އުފަލުން ކަމަށެވެ. އަދި އެހެން ގައުމުތަކުގައި އެފަދަ ހަމަލާތައް ދިނުމަށް އެމީހުންނަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ބަންގްލަދޭޝްގައި އަބަދުވެސް ޓެރަރިޒަމާ ދެކޮޅަށް ގެންގުޅެމުން އަންނަ ޒީރޯ ޓޯލަރެންސްގެ ސަބަބުން ބަންގްލަދޭޝްގައި އެފަދަ ހަމަލާއެއް ނުދެވޭނެކަމުގައި އޭނާ ވިދާޅުވިއެވެ.

ލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 500 އިން މަތީގައެވެ. މި ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް