ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާގައި އޭނާގެ ފަރާތުން ވަކާލާތު ކުރައްވާ ހުރިހާ ވަކީލުން ވަކިކޮށްފި އެވެ.
އެ މައްސަލައިގަ މަހުލޫފުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ ނާޒިމް އަބްދުއް ސައްތާރާއި، އަހްމަދު އަބްދުﷲ އަފީފާއި މުހައްމަދު ހައްސާން އެވެ. މީގެ ތެރެއިން ނާޒިމަށް އެ މައްސަލައިގަ މަހުލޫފުގެ ފަރާތުން ވަކާލާތު ނުކުރެވޭގޮތަށް ކްރިމިނަލް ކޯޓުން މިއަދު އޭނާ ވަނީ ސަސްޕެންޑު ކޮށްފައި އެވެ.
މަހުލޫފު މިގޮތަށް ނިންމެވީ ނާޒިމް ސަސްޕެންޑު ކުރުމުންނެވެ. މަހުލޫފު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނާޒިމް ސަސްޕެންޑު ކޮށްފައިވާތީ އަނެއް ދެ ވަކީލުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް އެ ދެބޭފުޅުން ވަކިކޮށްފައިވާ ކަމަށެވެ.
މިއީ އޭނާގެ މައްސަލައެއްގައި ވަކާލާތު ކުރަމުން ދަނިކޮށް ނާޒިމް ސަސްޕެންޑު ކުރި ދެވަނަ ފަހަރު ކަން މަހުލޫފު ފާހަގަ ކުރައްވާފައިވެ އެވެ. މަހުލޫފްގެ ވަކީލެއްގެ ގޮތުގައި 2016 ވަނަ އަހަރު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ވެސް ކްރިމިނަލް ކޯޓުން ނާޒިމް ސަސްޕެންޑް ކޮށްފައިވެ އެވެ.
މަހުލޫފްގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މި އަހަރުގެ ޖެނުއަރީ 20 ގައި މަހުލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އެ ޓުވީޓުގައި މަހުލޫފް ވަނީ މާފުށީ ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އޭގެ އިތުރުން މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ. އެއީ މީހުން ގޮވައިގެން ގޮސް މާފުށީ ޖަލު ކައިރީ މުޒާހަރާ ކުރި މައްސަލާގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް