ސަސްޕެންޑު ކުރި ޓީޗަރު ބިރު ދައްކާތީ ފުރައިފި

މަޖީދިއްޔާ ސްކޫލްގެ ހިސާބު ކިޔަވައިދޭ ބިދޭސީ ޓީޗަރަކާއި ދަރިވަރަކު މާރާމާރީ ހިންގި މައްސަލައިގަ ޓީޗަރު ސަސްޕެންޑުކޮށްފައި ހުއްޓަ އެ ގޭކައިރިއަށް ގްރޫޕެއް ގޮސް ބިރުދައްކާތީ ޓީޗަރު ރާއްޖެ ދޫކޮށް ފުރައިފ...

24 Apr 2018 | 12:49

މަޖީދިއްޔާ ސްކޫލްގެ ހިސާބު ކިޔަވައިދޭ ބިދޭސީ ޓީޗަރަކާއި ދަރިވަރަކު މާރާމާރީ ހިންގި މައްސަލައިގަ ޓީޗަރު ސަސްޕެންޑުކޮށްފައި ހުއްޓަ އެ ގޭކައިރިއަށް ގްރޫޕެއް ގޮސް ބިރުދައްކާތީ ޓީޗަރު ރާއްޖެ ދޫކޮށް ފުރައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖީދިއްޔާގައި މަސައްކަތް ކުރާތާ 12 އަހަރު ވެފައިވާ ޓީޗަރު ފުރާފައިވަނީ ހަމަ އެ ސްކޫލްގައި މަސައްކަތް ކުރާ އޭނާގެ އަންހެނުންވެސް ގޮވައިގެންނެވެ. ޓީޗަރާއި ދަރިވަރާއި ދެމެދު މާރާމާރީ ހިންގަން ޖެހުނީ އެ ޓީޗަރު ކިޔަވައިދޭން ހުރި ކްލާހަށް އެހެން ކްލާހެއްގެ އެ ދަރުވަރު ހުއްދަ ނެތި ވަދެ އެ ކްލާހުގައި ތިބި ދަރިވަރުންނާއި ފުރައްސާރަ ކުރުމުން ނުކުންނަށް އެންގުމުންނެވެ.

އެ ސްކޫލުގެ ޓީޗަރަކު މީޑިއާގައި ބުނެފައިވަނީ ޓީޗަރު އުޅޭ ގޭދޮށަށް، އެ ދަރިވަރު، މިއަދު މެންދުރު ގުރޫޕެއް ގޮވައިގެން ގޮސް މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަން ހުއްޓުވީ މަޖީދިއްޔާގެ ބެލެނިވެރިންނާއި ޓީޗަރުން އެ ގޭދޮށަށް ގޮސްގެންނެވެ. އެ ކަމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާ އެކު، މަޖީދިއްޔާގެ ބެލެނިވެރިއެއްގެ ގެޔަށް އެ ޓީޗަރު ވަގުތީ ގޮތުން ބަދަލު ކުރި އެވެ.

ޓީޗަރު ފުރީ އެ މައްސަލައިގަ ކަން ހިނގާދިޔަ ގޮތް އޮޅުންފިލުވައި ދިނުމަށް މާދަމާ އެޑިއުކޭޝަން މިނިސްޓްރީއަށް ހާޒިރުވާން އަންގާފައި ވަނިކޮށެވެ. ޓީޗަރު ފުރައިގެން ދިޔައީ ރާއްޖޭގައި ރައްކާތެރި މާހައުލެއް ނެތް ކަމަށް ބުނެ އެވެ. އޭނާ ދިޔައީ ވަޒީފާއިން ކެނޑިގެން ކަމެއް ނޭނގެ އެވެ.

މާރާމާރީ ހިންގި މި ދަރިވަރަކީ މީގެ ކުރިންވެސް ސްކޫލްގެ އިތުރު މުވައްޒަފުންތަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ރެކޯޑު އޮންނަ ކުއްޖެއް ކަމަށްވެ އެވެ.

އެކަމަކު އޭގެން އެއްވެސް މައްސަލައެއްގައި ކުއްޖާއަށް ފިޔަވަޅު އަޅާފަ ނުވާ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް