އެންޓީ ޑިފެކްޝަން ގާނޫނު ބާތިލެއް ނޫން: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާފައިވާ އެންޓީ ޑިފެކްޝަން ގާނޫނު ބާތިލު ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. އެ ގާނޫނު ބާތިލު ކަމަށް ކަނޑައަޅައި ދިނުމަށް ސު...

24 Apr 2018 | 12:31

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާފައިވާ އެންޓީ ޑިފެކްޝަން ގާނޫނު ބާތިލު ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ގާނޫނު ބާތިލު ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމެވެ.

މައްސަލަ ބެލުމަށްފަހު އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފްލޯކްރޮސްކުރުމާ ބެހޭ ގޮތުންނާއި ބައި އިލެކްޝަން ބޭއްވުމުގެ ކަންކަމުގެ އިޖުރާއުތައް ހިމެނޭ ގާނޫނެއް ކަމަށެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ އެ ގާނޫނު މަޖިލީހުން ފާސްކުރީ އެފަދަ ގާނޫނެއް ފާސްކުރަން ބޭނުންވާ އަދަދު ހަމަނުވެ ކަމަށްވިޔަސް އެކަމުގައި ދައުލަތުން ދިން މައުލޫމާތުތަކާއި ދެއްކި ވާހަކަތަކުންނާއި ދެއްކި ހުއްޖަތްތަކުގެ ސަބަބުން ގާނޫނު ސައްހަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް އެކަށީގެންވާ ސަބަބެއް ނެތި މަޖިލީހަށް ހާޒިރުނުވާތީ ގާނޫނުތައް ފާސްކުރުން މަޑުޖެހި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އެކަން މަޖިލީހުގެ ލިޔުންތަކުން އެނގޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެއްވެސް ސަބަބެއް ނެތި ޖަލްސާތަކަށް ހާޒިރުނުވެ ގާނޫނު ހެދުމަށް ހުރަސް އަޅާ މެންބަރުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލު އޮންނަ ކަމަށާއި އެފަދަ އުސޫލުތައް އެކުލަވާލުމަކީ މަޖިލީހުގެ ޒިންމާއަކަށްވާއިރު މަޖިލިސް ހުއްޓިފައި އޮތްއިރު ވެސް އެފަދަ އުސޫލެއް މިހާތަނަށް އެކުލަވާލާފައިނުވާކަން ފާހަގަކުރި އެވެ.  ބޭރުގެ ގާނޫނު ހަދާ މަޖިލިސްތައް ހުއްޓި، ދައުލަތް ހިންގުމަށް ދަތިވާނަމަ އެކަމަށް ސިޔާސީ ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ބައެއް ގައުމުތަކުގައި މަޖިލިސް އުވާލައި އާ އިންތިހާބެއް އިއުލާންކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ކަމަށް ހުކުމްގައި ބަޔާންކުރި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު މާޒީއަށް ރުޖޫއަކޮށް، މިދިޔަ އަހަރުގެ 13 ޖުލައިގެ ފަހުން ގާނޫނަށް އަމަލުކުރާނެ ކަމަށް ގާނޫނުގައި އޮތް މާއްދާއަކީ ވެސް މައްސަލައެއް ނެތް މާއްދާއެއްގެ ގޮތުގައި ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ. އެއީ މާޒީއަށް ރުޖޫއަވާ ގޮތަށް ގާނޫނު ފާސްކުރުމަކީ ރާއްޖޭގެ އަދުލު ނިޒާމް ދަންނަ ކަމެއް ކަމަށެވެ. މާޒީއަށް ރުޖޫއަކޮށް ގާނޫނުތައް ފާސްކުރުން ބައިނަލްއަގްވާމީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި އަހުދުތަކުގައި ވެސް މަނާ ކުރަނީ ގާނޫނުތައް އަމާޒުވާ ބަޔަކަށް ގޯސް މަސްލަހަތެއް އޮންނަނަމަ ކަމަށެވެ. ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނަކީ އޭގައި ރަނގަޅު މަސްލަހަތެއް އޮތް ގާނޫނެއް ކަމުން އެ ގާނޫނު މާޒީއަށް ރުޖޫއަކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ.

އެ ގާނޫނު ބުނާގޮތުން މަޖިލީހަށް މެންބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ކަނޑާލައިފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އެކަމަކު އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރުން ސިޔާސީ ޕާޓީ އަކާއި ގުޅުނަސް ގޮނޑިއެއް ނުގެއްލޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް