މަޖާޖައްރާފު ބޭނުންކޮށްގެން ތިލަފުށި ހިއްކަން ފަށަނީ

އެމްޓިސީސީގެ މަހާޖައްރާފު ބޭނުންކޮށްގެން ދެން އެންމެ އަވަހަށް ފަށާނީ ތިލަފުށި ހިއްކުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެ ކުންފުނިން ބުނީ ށ. ކޮމަންދޫ ހިއްކުމަށް ފަހު މަހާ ޖައްރާފު މިހާރ...

24 Apr 2018 | 11:19

އެމްޓިސީސީގެ މަހާޖައްރާފު ބޭނުންކޮށްގެން ދެން އެންމެ އަވަހަށް ފަށާނީ ތިލަފުށި ހިއްކުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ށ. ކޮމަންދޫ ހިއްކުމަށް ފަހު މަހާ ޖައްރާފު މިހާރު އޮތީ ތިލަފުށީގައި ކަމަށެވެ. އަދި އަންނަ ހަފްތާގައި ތިލަފުށި ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ އެވެ.

ތިލަފުށީގައި މަހާޖައްރާފު ބޭނުންކޮށްގެން ހިއްކުމަށް ހަމަޖެހިފައިވަނީ ކުނި ނައްތާލާ ސަރަހައްދެއް ހެދުމަށް ވަސީލަތްތައް ގާއިމް ކުރާނެ ތަނެއް ހިއްކުމުގެ މަސައްކަތެވެ. އެ މަސައްކަތް 105 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.

މި މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ވަނީ ތިލަފުށި ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް ކުރިޔަށް ގެންދާކަން އިއުލާނުކޮށްފައި އެވެ. އެގޮތުން އެ މަޝްރޫއަށް އޭޑީބީން 126 މިލިއަން ޑޮލަރުގެ އެހީ ލިބިފައިވާ ކަމަށް ބުނެ އެވެ.

މަހާޖައްރާފު ބޭނުންކޮށްގެން މިހާތަނަށް ހިއްކާފައިވަނީ ކުޅުދުއްފުށީ އެއާޕޯޓާއި ފުނަދޫ އެއާޕޯޓުގެ އިތުރުން ކޮމަންޑޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް