މިދިޔަ ހޮނިހިރު ދުވަހު އިތުރު ދެ ކުދިންނާއި އެކު މޫދަށް އެރެން އުޅެނިކޮށް ރާޅަކާއި ދަމައިގަނެ ގެނބެމުން ދިޔަ އަލީ ރާއިފް ސަލާމާތް ކުރި ހިތަދޫ ބްލޫ ރޫމް ހަސަން ހުސައިންގެ އަގު ވަޒަންކޮށް އައްޑޫ ސިޓީ ކައުންސިލުން އޭނާއަށް ހަނދާނީ ލިޔުމެއް ދީފި އެވެ.
ހަސަނަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އޭނާއަކީ ވާހަކަ ނުދެއްކޭ ކަންފަތް ބީރު މީހެކެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އޭނާގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމެއް ދޭން ނިންމީ ރާއިފް ސަލާމަތް ކުރުމުގައި އޭނާ ދެއްކި ކުޅަދާނަ ކަމާއި ސާބިތުކަން ފާހަގަކޮށް ކަމަށެވެ. އަދި އިންސާނިއްޔަތަށް ޓަކައި ކޮށްދިން މަސައްކަތުގެ ތެރެއިން މީހެއްގެ ފުރާނަ ސަލާމަތްކޮށްދޭން ކުރި ހިތްވަރު ފާހަގަކޮށް ކަމަށެވެ.
މި ހަނދާނީ ލިޔުން ހަސަންދީ އާއި ހަވާލު ކޮށްދެއްވީ އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
https://twitter.com/AdduCityCouncil/status/988672388605788162
މިހާދިސާގައި ރާއިފް އާއި އެކު މޫދަށް އެރުނު މަޔާމީން އަލީ އާއި އަލީ ފަހުމީ ވަނީ ގެއްލިފަ އެވެ. އެ ކުދިންގެ ހަބަރެއް މިހާތަނަށް ވެފައި ނުވާއިރު ހަސަނަކީ އެ ދުވަހު އެކުދިން ރާޅާ ދަމައިގަތް ގަޑީގައި އެ ސަރަހައްދުގައި ތިބި ދެތިން މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އެކުދިން ރާޅާ ދަމައިގަތްކަން އެނގުމުން ހަސަން މޫދަށް އެރި އެހީވެދެވޭވަރުވީ ރާއިފް އަށް އެކަންޏެވެ. އަނެއް ދެކުދިން އޭނާއަށް ގެއްލުނީކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް