ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ އާދިއްތަ ދުވަހު ފަށަން ނިންމައިފި އެވެ.
މަޖިލީހުގެ ޖަލްސާތައް މި ފަށަނީ ހަ ހަފްތާއަށްވުރެ ގިނަ ދުވަސް ފަހުންނެވެ. ޖަލްސާއެއް އާދިއްތަ ދުވަހު އޮންނަކަން ހާމަ ކުރީ ޕީޕީއެމްގެ މަޖިލީސް މެންބަރުންނެވެ.
އެ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ. ޕީޕީއެމްގެ މަޖިލީސް މެންބަރަކު މީޑިއާގައި ވިދާޅުވެފައިވަނީ ޖަލްސާ އޮންނަކަން އެންގީ އެ ޕާޓީގެ ޕީޖީ ވައިބާ ގްރޫޕުގައި ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކަމަެވެ.
އެކަމަކު އިތުރު ތަފްސީލް ނޭނގޭ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މި މަހުގެ ނިޔަލަށް ފުރަތަމަ ދައުރު ނިމި، މެމްބަރުންނަށް އެެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބިވަޑައިގަންނަވާނެ އެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. މިފަހަކަށް އައިސް މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ ސަރުކާރުން ހުށަހަޅާ ކަމެއް ފާސްކޮށްލުމަށް އެކަންޏެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ދޭތެރެ ދޭތެރެއިން ބާއްވަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުދިއުމުގެ ޒިންމާ ޕީޕީއެމްއާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ނަންގަވަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް