މިދިޔަ ހުކުރު ދުވަހު ދިމާވި ހިތާމަވެރި ހާދިސާއެއްގައި ކުޑަ ދެ ކުއްޖަކު ގެއްލިގެން ހޯދަމުން އަންނައިރު މީޑިއާ ރިޕޯޓްތަކަށް ބަލާއިރު އެ ދެކުދިން ކަނޑަށް ދަމައިގަތީ ކަމުގައި ބެލެވެ އެވެ. އެ ކުދިންނާއެކު މޫދަށް ދިޔަ ތިންވަނަ ކުއްޖާ ސަލާމަތްވެފައިވާއިރު އެ ކުއްޖާ ބުނެފައިވަނީ ހަމަ ކުއްލިއަކަށް ރާޅުތަކުގެ ތެރެއަށް އެއްކުއްޖަކު ދަމައިގަތީ ކަމަށާއި އަދި ފުރަތަމަ ދަމައިގަތް ކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އަނެއް ދެކުދިންވެސް ދަމައިގަތީ ކަމަށެވެ.
އެ ތިން ކުދިންނަކީވެސް ރަނގަޅަށް ފަތަން ދަންނަ އަދި މޫދަށް ގޮސް އުޅޭ ތިން ކުދިންކަމުގައި ރިޕޯޓް ކޮށްފައިވާއިރު މި ކުދިންނާއި ގުޅޭގޮތުން މިހާރު ނޫހުގައި ލިޔެފައިވާ ލިޔުމަކަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި "ރިޕް ޓައިޑް" އަކީ ނުރައްކާތެރި ބާވަތެއްގެ ރާޅު ބާނިތަކެއް ނުވަތަ އޮއެވަރެއްގެ ގޮތުގައި ސިފަ ކޮށްފައި ވެ އެވެ.
ހަމަ ގައިމުވެސް އެ ބާވަތުގެ ރާޅަކީ ނުވަތަ އޮއެވަރަކީ މީގެ ކުރިން އަހަރެން ދަންނަ ބާވަތެއްގެ ރާޅެއް ނުވަތަ އޮއެ ވަރެއް ނޫނެވެ.
މި ބާވަތުގެ ރާޅުބާނި ނުވަތަ އޮއެވަރުގެ ނުރައްކާކަން އެނގެނީ އިތުރަށް ބަލައި ހޯދާލުމުންނެވެ.
އެގޮތުން "ސަރފަރ ޓުޑޭ"ގައި ބަޔާން ކޮށްފައިވާގޮތުގައި "ރިޕް ކަރަންޓް" އަދި "ރިޕް ޓައިޑް" އަކީ އެބާވަތުގެ ބާނިތަކުގައި އެއްގަމާއި ދުރަށް ދަމާ ބާރެއް ހުންނަ ބާނިތަކެކެވެ. ރާޅުތައް ބިންދާއިރު އެ ރާޅުތަކުގައި ހިމެނޭ ލޮނު އަނބުރާ މޫދަށް ދިއުމަށް ބައެއް ހާލަތްތަކުގައި ވަކި ޖާގަތަކެއް (ވަކި ޗެނަލް)ތަކެއް އުފެދޭއިރު މިފަދަ ޖާގަތަކުގައި އެއްގަމާއި ދުރަށް ދަމާ ބާރު ގަދަވާކަމަށް ބުނެފައި ވެ އެވެ.
އެގޮތުން ކަކުލާއި ކަރާއި ދެމެދުގެ ފުންމިނުގައި ހުންނަ މިފަދަ ޖާގަތަކުގެ ފުޅާމިނުގައި ބައެއް ފަހަރު ދިހަ ވަރަކަށް ފޫޓު ހުންނަ ކަމާއި އަދި ބައެއް ހާލަތްތަކުގައި މިފަދަ ގިނަ ޗެނަލްތަކެއް އުފެދޭއިރު ކަރުތާފެނުގައި މިފަދަ ބާނިތަކެއްގެ ތެރެއަށް ދަމައިގެންފިނަމަ ސަލާމަތް ވުމަކީފަސޭހަކަމެއް ނޫންކަމުގައި ބަޔާން ކޮށްފައި ވެ އެވެ.
އޮސްޓްރޭލިޔާގެ ބީޗް ސޭފް ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުގައި މި ބާވަތުގެ ރާޅުބާނި ދެނެގަތުމަކީ 70 އިންސައްތަ މީހުންނަށް ފަސޭހަ ކަމަކަށް ނުވެ އެވެ.
https://www.youtube.com/watch?v=PuAlDTC_gIQ
މިފަދަ ރާޅުބާނިތަކެއްގެ ތެރެއަށް ދަމައިގަތުމުން އެއްގަމާއި ދިމާއަށް ފަތަން މަސައްކަތް ކުރިޔަސް އެއްގަމާއި ދިމާއަށް ދެވުމުގެ ބަދަލުގައި އޮއެވަރުގައި ޖެހި ދަނީ ބޭރަށެވެ. ގަދައަށް މަސައްކަތް ކުރާވަރަކަށް ވަރުބަލިވެ ނޭވާ ހާސްވާގޮތް މެދުވެރިވެ އެވެ.
މިފަދަ ރާޅުބާނިތަކަކުން ސަލާމަތް ވުމަށް ކުރެވިދާނެ ބައެއް ކަންކަން ބަޔާންކޮށް މެޓްރޯ.ޔޫކޭގައި ލިޔެފައިވަ އާޓިކަލްއެއްގައި ބުނެފައިވަނީ ބޭރަށް ދަމާބާރު ހުންނައިރު އެ ބާރާއި ދެކޮޅަށް ފަތާފައި އެއްގަމަށް އަރަން މަސައްކަތް ނުކުރުމާއި ދަމާ ބާރު ނުހުންނަ ދިމާއަކަށް ދެވެންދެން އެއް ފަރާތަކަށް ފެތުމަށްފަހު ދަމާބާރު ނުހުންނަ ދިމާއަކަށް ދެވުމުން ފަތާފައި އެއްގަމަށް އަރަން މަސައްކަތް ކުރުމެވެ. އަދި ކަންބޮޑުވެ ހާސްވުމުގެ ބަދަލުގައި މަޑުމައިތިރި ކަމާއެކު ހާލަތާ ކުރިމަތިލުމަށް އިލްތިމާސް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް