ތޫނު އެއްޗަކުން ހަމަލާދީ ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވަ އިއްޔެ ރޭ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބޮލޮގާ ޔާމީން ރަޝީދުގެ ގާތިލުން ހޯދުމުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާންމުންގެ ކިބައިން އެދިއްޖެ އެވެ.
ޔާމީންގެ މަރާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ އިދާރާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ފޭދޫ، ޗަނބޭލީގޭ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ބޭނުންވާ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ އެކަން ފުލުހުންނާއި ހިއްސާ ކޮށްދިނުމަށް އެދޭ ކަމަށެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އާންމުންގެ އެއްބާރުލުން ބޭނުންވަނީ މައްސަލަ ތަހުގީގު ކުރަން އެކުލަވާލާފައިވާ ހާއްސަ ޓީމުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދެން ހުރި ހުރިހާ ދިމާއަކުން އެއްކުރުމަށް ބޭނުންވާތީ ކަމަށެވެ.
އަދި އާންމުންގެ ފަރާތަކުން ދޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ގާތިލުންނަށް ވާސިލްވުމުގެ ފުރުސަތު އޮވެދާނެތީ ކަމަށްވެސް ބުނެފައިވެ އެވެ. މިދަނޑިވަޅުގައި ޔާމީންގެ މަރުގެ މައްސަލައާއި ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށާއި މީޑިއާގައި އާންމު ނުކުރުމަށް ފުލުހުން އެދިފައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅޭ މައުލޫމާތެއް ހިއްސާ ކުރަން ބޭނުންވާ ފަރާތެއް ވާނަމަ ފުލުހުންގެ ނަމްބަރު 3322111 ނުވަތަ 3322112 އަށް ގުޅުން އެދޭ ކަމަށެވެ.
ޔާމީން މަރާލާފައިވަނީ 2014 ވަނަ އަހަރުން ފެށިގެން އޭނާއަށް ދެމުން ދިޔަ މަރުގެ އިންޒާރުތައް ބަލައިދިނުމަށް ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފައި ވަނިކޮށެވެ. އޭނާ އެކަން ހިއްސާކޮށް ސޯޝަލް މީޑިއާގައި ބުނެފައިވަނީ ފުލުހުން އެ މައްސަލަ ކުރިޔަށް ނުގެންދާ ކަމަށެވެ.
ޔާމީންގެ ބޮލަށާއި ކަރަށް ވަޅިން ހަމަލާ ދީފައިވާއިރު ހަށިގަނޑުގެ 14 ތަނަކަށް ވަޅި ހަރާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް