ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލައިގަ މެންބަރުންނަށް ރިޝްވަތުދޭން އުޅުއްވާ ކަމުގެ ތުހުމަތު ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށްވެސް ފުލުހުންކޮށްފި އެވެ.
ފާރިސް މިއަދު 10:00 އަށް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. ފުލުހުން ބުނީ އޭނާ ހާޒިރު ކުރީ ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފާރިސް ވިދާޅުވީ އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ނުވެސް ދެނަހުރި ކަމެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ މެންބަރުންނަށް ރިޝްވަތުދޭން އުޅޭ ކަމުގެ ތުހުމަތު ކުރުމުން ދޭނެ ޖަވާބެއް ނެތުމުން ހުންނެވީ ހަނު ކަމަށެވެ.
ފާރިސް ވިދާޅުވީ ގާނޫނު އަސާސީއާއި ހިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ވާހަކަދައްކައިގެން ފިކުރު ބަދަލު ކުރުމަށް ކަމަށެވެ. އެކަމަކު ރިޝްވަތު ދިނުމުގެ ގޮތުން ފައިސާދީފައި ނުވާނެ ކަމަށެވެ.
ފާރިސް ވިދާޅުވީ އެފަދަ ތުހުމަތެއް ކުރި އިރު ފުލުހުންގެ އަތުގައި ހުރީ ކޮން މައުލޫމާތެއްތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ފުލުހުން ޖަވާބު ދީފައިނުވާ ކަމަށެވެ. އެހެންކަމުންމިއީ ގާނޫނާއި އެއްގޮތަށް ހިނގާ ތަހުގީގެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުން ވަނީ ގާސިމް އިބްރާހިމްގެ މައްޗަށްވެސް މެންބަރުންނަށް ރިޝްވަތުދޭން އުޅުއްވި ކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައި އެވެ. އެކަމަކު ގާސިމް ވަނީ އެކަމަށް އިންކާރު ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް