ވިލުފުށީ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓު ހަސަން ޖަބީންގެ ކެންޑިޑޭސީ ސުޕްރީމް ކޯޓުން ބާތިލް ކޮށްފި އެވެ.
އެ ރަށު ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި ޖަބީން ވަނީ ހަ މަސްދުވަހަށް ގޭ ބަންދު ކުރުމަށް ހުކުމްކޮށްފައި އެވެ. އެއީ އެރަށުގައި އެމްއާރުޑީސީން ޖަހާފައިވާ ދަގަނޑު ހޮޅިއެއް ނައްޓާލި މައްސަލައެއް އޭނާ މައްޗަށް ސާބިތުވާކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރުމުންނެވެ. މި ހުކުމުގެ ސަބަބުން ކެންޑިޑޭސީ ބާތިލް ވުމުގެ އިތުރުން ވިލުފުށީ ކައުންސިލް މެންބަރު ކަމުންވެސް އޭނާ ވަނީ ވަކިވެފައި އެވެ.
ލާމަރުކަޒީ ގާނޫނު ބުނާގޮތުން ޖިނާއީ ހުކުމެއް ތަންފީޒު ކުރަން ފަށައިފި ނަމަ، ކައުންސިލަރު ކަމުން ވަކިވާނެ އެވެ. އަދި އެފަދަ ހުކުމެއް އައިސްފި ނަމަ ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތެއް ވެސް އުނިވީ އެވެ.
އޭނާގެ ކެންޑީޑޭސީ ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުންނެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ޖުމްހޫރީ ޕާޓީގެ ދެ ކެންޑިޑޭޓެއްގެ ކެންޑިޑޭސީވެސް ބާތިލް ކޮށްފައި އެވެ.
އެ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްވީ އެހެން ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވުމުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިންތިހާބަށް ނިކުމެފައިވާތީ އެވެ. ގާނޫނު ބުނާގޮތުން ޕްރައިމަރީއަކުން ބަލިވެއްޖެ ނަމަ އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިހާބެއްގައި އެ މީހަކަށް ވާދައެއް ނުކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް