ބައްޕަގެ ހާޒިރުގައި ރައުދާގެ ގަބުރު ނަގައިފި

ބަންގްލަދޭޝްގައި ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނު ދިވެހި ދަރިވަރު ރައުދާ އާތިފްގެ ދެވަނަ އޮޓޮޕްސީއެއް ހެދުމަށް އޭނާގެ ގަބުރު ކޮނެގެން ނަގައިފި އެވެ. ރައުދާގެ ހަށިގަނޑު ނަގާފައިވަނީ މިއަދު ހެނދުނު...

24 Apr 2017 | 06:46

ބަންގްލަދޭޝްގައި ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނު ދިވެހި ދަރިވަރު ރައުދާ އާތިފްގެ ދެވަނަ އޮޓޮޕްސީއެއް ހެދުމަށް އޭނާގެ ގަބުރު ކޮނެގެން ނަގައިފި އެވެ.

ރައުދާގެ ހަށިގަނޑު ނަގާފައިވަނީ މިއަދު ހެނދުނު ބަންގްލަދޭޝް ގަޑިން ހެނދުނު 10:00 ގައި ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ ޑާކާ ޓްރިބިއުންގައި ރިޕޯޓުކޮށްފައިވެ އެވެ. ގަބުރު ނަގާފައިވަނީ ރައުދާގެ ބައްޕަ ޑރ މުހައްމަދު އާތިފާއި، އެގްޒެކެޓިވް މެޖިސްޓްރޭޓް ޑރ. ރަކްތިމް ޗޯދަރީ އާއި ރާޖްޝާހީ ސީއައިޑީ އިންސްޕެކްޓަރު އަސްމުލްގެ ހާޒިރުގައެވެ.

އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާޖްޝަހީ ހަތިމް ހާން ގަބުރުސްތާނުގައި ވަޅުލާފައިވާ ރައުދާގެ ހަށިގަނޑު ގެންދާނީ އޭނާ ކިޔެވި މެޑިކަލް ކޮލެޖު މޯޗަރީއަށެވެ. ރައުދާ ވަޅުލުމުގެ ކުރިން އިތުރު އޮޓޮޕްސިއެއް ހަދަން އާއިލާއިން ބޭނުން ވިޔަސް އެކަން އޭރު ނުކޮށް ވަޅުލީ ދެވަނަ އޮޓޮޕްސީއެއް ހެދޭނެ ސަރަހައްދަށް ގެންދިއުމަކީ އުނދަގޫ ކަމަށް ވުމުންނެވެ.

އަލުން އޮޓޮޕްސީއެއް ހެދުމަށް ރައުދާގެ ހަށިގަނޑު ކަށްވަޅުން ނެގުމަށް ރާޖްޝާހީ ކޯޓުން އަމުރުކުރީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ރައުދާގެ ބައްޕަ ކޯޓަށް ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ ރައުދާ ވަނީ މަރާލާފައި ކަމަށެވެ. އަދި އެކަން ރަނގަޅަށް ތަހުގީގު ކޮށްދިނުމަށް އެދިފައިވެ އެވެ.

އެހެންވެ އެ ކޯޓުން ވަނީ ބަންގްލަދޭޝް ފުލުހުންގެ މައްޗަށް މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް އަމުރުކޮށްފައި އެވެ. މިހާރު ރައުދާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ބަނަގްލަދޭޝް ސީއައިޑީއިންނެވެ.

ރައުދާ ހޮސްޓެލް ކޮޓަރީގައި ދަންޖެހިފައި ހުއްޓަ ފެނުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް