ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެންފެށި ޗައިނާގެ ހޫބޭ ޕުރޮވިންސުގައި ދަތުރުފަތުރުކުރުމުގެ ހުއްދަ މާދަމައިން ފެށިގެން ދޭން އެގައުމުގެ ހެލްތު ކޮމިޝަނުން ނިންމައިފިއެވެ.
ނަމަވެސް އެ ޕުރޮވިންސުގެ ވެރިރަށް ވޫހާންއަށް އަދިވެސް ދަތުރުފަތުރުކުރުން މަނާވާނެއެވެ. ވޫހާންއަށް ދަތުރުފަތުރުކުރުމުގެ ހުއްދަ ލިބޭނީ ހާއްސަ ޝަރުތުތަކަކާއިއެކު އޭޕްރިލް އަށަކުން ފެށިގެނެވެ. ވޫހާން ބަންދުކޮށްފައިވަނީ ޖެނުއަރީ 23 ވަނަ ދުވަހުގައެވެ.
ޗައިނާގައި މިހާރު ވަނީ ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. މިބައްޔަށް ފަރުވާދޭން އެގައުމުގައި ހެދި ގިނަ ހޮސްޕިޓަލްތަކުން ބަލިމީޙުން ހުސްވުމުން މިހާރު އެ ތަންތަން ވަނީ ބަންދުކޮށްފައެވެ. ޗައިނާއިން 81،000 އަށްވުރެ ގިނަމީހުނަށް މިބަލި ޖެހުނު އިރު އޭގެތެރެއިން 73،000 އަށް ވުރެގިނަމީހުން ވަނީ ރަނގަޅުވެފައެވެ. އަދި 3،200 އަށް ވުރެ ގިނަ މީހުން މިބަލީގައި މަރުވިއިރު މިވަގުތު މި ބައްޔާ ހަނގުރާމަ ކުރަމުން ދަނީ 4،700 އެއް ހާ މީހުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 މިހާތަނަށް ޖުމްލަ 382،000 އަށްވުރެ ގިނަ މީހުނަށް މި ބަލި ޖެހިފައިވާއިރު މި ބަލީގައި 16،500 އަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ. އަދި މިބަލިން 102،500 އަށްވުރެ ގިނަ މީހުން ވަނީ ފަސޭހަވެފައެވެ.
ދިވެހިރާއްޖޭގައިވެސް 13 މީހެއްގެ ގައިން މިބަލި ފެނިފައިވާއިރު މީގެ ތެރެއިން ފަސް މީހެއް ވަނީ މި ބަލިން ފަސޭހަވެފައެވެ. ދިވެހި ސަރުކާރުންވެސް ދަނީ މިބަލި ރާއްޖޭގައި ފެތުރަ ނުދިނުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް