މިނިސްޓާ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް ގުޅުއްވައި ކޯވިޑް-19 އާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި

ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީއާއި ފޯނުން ގުޅުއްވައި، ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމާ ބެހޭ ގޮތުން މަޝްވަރާކ...

24 Mar 2020 | 06:55

ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީއާއި ފޯނުން ގުޅުއްވައި، ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

ދުނިޔޭގައި އަދި ޕާކިސްތާނުގައިވެސް ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯކްކުރުމަށް ޕާކިސްތާން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މިނިސްޓަރ ޝާހިދު ތައުރީފް ކުރެއްވިއެވެ. އަދި ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޯވިޑް-19 ގެ ސަބަބުން ކުރަމުންދާ އަދި ކުރާނެ އަސަރުތަކާއި ބެހޭ ގޮތުން ޝާހިދު ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މައުލޫމާތު އަރުވާފައެވެ.

ހަމައެއާއެކު ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް ޕާކިސްތާނުގެ ފޮރިން މިނިސްޓަރާ ޝާހިދު ހިއްސާ ކުރެއްވިއެވެ.

މި ދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށާއި، ޚާއްސަކޮށް ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވާކަމަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިވަގުތު ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންގެ ހާލުވެސް ދިވެހި ސަރުކާރުން ކައިރިން ބަލަމުންދާނެކަމުގެ ޔަޤީންކަން ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް ޝާހިދު އެރުވިއެވެ.

ފޯނުން ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވަނީ ދާދިފަހުން ސާކް ޤައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ވީޑިއޯ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހުށަހެޅުއްވި ކަންތައްތަކަށް އަނެއްކާވެސް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ސަރަހައްދީ ޤައުމުތަކުގެ ސިއްހީ އަދި ކުއްލި ޙާލަތާއި ބެހޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތްކުރުމުގެ އޮނިގަނޑެއް އެކުލަވާލުމުގެ މުހިއްމުކަމާއި، ކޯވިޑް-19ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ ބެހޭ ގޮތުން ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. އަދި ކޯވިޑް-19 ފަންޑަށް ރާއްޖެއިން 2 ލައްކަ ޑޮލަރު ފޯރުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން ފާހަގަކުރައްވައި، ސާކް ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާއިން 5 މިލިއަން ޑޮލަރު ކޯވިޑް-19 އާއި ގުޅިގެން ހޭދަކުރުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާކިޔާ ކަމަށް މިނިސްޓަ ވިދާޅުވިއެވެ.

ދެބޭފުޅުންވެސް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޝާހިދު ވަނީ ޕާކިސްތާން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ ޤުރޭޝީއަށް ތަހުނިޔާ ވިދާޅުވެފައެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޤުރޭޝީއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ވަޑައިގަތުމަށް މިނިސްޓަރ ޝާހިދު ވަނީ ދައުވަތު އަރުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް