ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަބްދުލް މަތީން މުހައްމަދު ރައީސް ޔާމީނާއި ޕީޕީއެމަަށް ބަހުގެ ހަމަލާތަކެއް ދެއްވާފިއެވެ.
މަތީންގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން މަތީން ވަނީ ޕީޕީއެމުން ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދުކުރުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. ޕީޕީއެމް އާއި ޖުމުހޫރީ ޕާޓީ ގުޅިގެން ބައެއް ދާއިރާތަކަށް ކެމްޕޭންކުރަމުންދާއިރު އުގޫފާރު ދާއިރާގެ ޕީޕީއެމް ޕީއެންސީ އަދި ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަނީ އިލްހާމް އަހުމަދުއެވެ. މަތީން ވިދާޅުވީ ވަކި މީހަކު ބުނެގެން ރައްޔިތުން ވޯޓްދޭން ނުޖެހޭ ކަމަށެވެ.
" ޝަމްސުއްދީން ރަދުން ބޭފުޅަކު ފޮނުއްވާފައި މީނާ ތިމަންނާގެ މަޖިލީހުގައި ބައިންދަން ރުހުންދޭށޭ ބުނީމާ ރައްޔިތުން ރުހުންދޭ ދުވަސް ފާއިތުވެ ހިނގައްޖޭ" އެ ކެމްޕޭން ހަރަކާތުގައި މަތީން ވިދާޅުވިއެވެ. އަދި އެއީ ވިޔަފާރި އުސޫލުން ކުރެވޭކަމެއް ނޫންކަމަށް މަތީން ވިދާޅުވިއެވެ. އަދި އެފަދަ ބޭފުޅުންނަކީ ސިޔާސީ ލީޑަރުންނަށް ނުވާކަމަށް މަތީން ވިދާޅުވެ ރައީސް ޔާމީނަށް ފާޑުވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ޖަލު ބަންދާއި ބެހޭގޮތުންވެސް މަތީން ވަނީ ވާހަކަ ދައްކަވާފައެވެ. " އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ވަކި މީހަކު ޖަލަށް ލުމަށް ވަކި މީހަކު ޖަލުން ބަންދުކުރުމަށް ވަކި މީހަކަށް އިންތިޚާބެއް ހޯދަންޖެހޭ ކަމަކަށް" މަތީން ވިދާޅުވިއެވެ.
އުގޫފާރު ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓް މަތީނަށް ދިނުމަށްފަހު އެ ޓިކެޓް ވަނީ ނަގާފައެވެ. އެ ނިންމުމާއި ހިތްހަމަނުޖެހިގެން މަތީން ވަނީ އަމިއްލަގޮތުން އެދާއިރާއަށް ކުރިމަތިލާފައެވެ.
އެ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކީ މުހައްމަދު ވަހީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް