ސްޓެލްކޯގެ މުވައްޒަފުން ތަމްރީނު ކުރުމަށް ޓިވެޓާއެކު އެއްބަސްވެއްޖެ

ސްޓެލްކޯގެ ޓެކްނިކަލް މުވައްޒަފުން ތަމްރީނު ކުރުމަށް ސްޓެލްކޯއާއި ޓިވެޓް އޮތޯރިޓީއާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓެލްކޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު...

24 Mar 2019 | 06:32

ސްޓެލްކޯގެ ޓެކްނިކަލް މުވައްޒަފުން ތަމްރީނު ކުރުމަށް ސްޓެލްކޯއާއި ޓިވެޓް އޮތޯރިޓީއާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓެލްކޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. އަދި ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއި ކުރެއްވީ، އޮތޯރިޓީ ހިންގުމާއި ހަވާލުވެހުންނެވި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް އެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ވިދާޅުވީ، މިއަދު ސޮއި ކުރެވުނު އެއްބަސްވުމަކީ ޓެކްނިކަލް މީހުން ބިނާ ކުރުމުގެ ގޮތުން ސްޓެލްކޯ އާއި ޓިވެޓް އޮތޯރިޓީ ގުޅިގެން މަސައްކަތް ކުރުމަށް ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

އަދި މި އެއްބަސް ވުމުގެ ސަބަބުން، ސްޓެލްކޯގެ މުވައްޒަފުންނަށް ބޭނުންވާ ހާއްސަ ތަމްރީންތަކަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކޮށް  ސްޓެލްކޯ އިން ބޭނުންވާ ސިލަބަސްތައް އެކުލަވާލައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ފަސޭހަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ސަރުކާރުވެސް ވިސްނުމާ އެއްގޮތަށް ޓެކްނިކަލް މީހުން ތަމްރީނު ކުރުމަށް ލިބުނު ފުރުސަތެއް ކަމަށާއި، މި ކޯހާއެކު ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 100 އަށްވުރެ ގިނަ އިލެކްޓްރިޝަނުން ތަމްރީނު ކުރެވޭނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ޓިވެޓް އޮތޯރިޓީ އަކީ ތަމްރީން ދޭ ތަނެއް ނޫން ކަމަށާއި އެ އޮތޯރިޓީ އަކީ ތަމްރީނު ތަކަށް ބޭނުންވާ ސްޓޭންޑާޑްތައް ޑިވެލޮޕްކޮށް އެ ސްޓޭންޑާޑް ތަކާ އެއްގޮތަށް ތަމްރީނުތައް ހިނގަމުންދޭތޯ ބެލުން ކަމަށް މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ހާޝިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް