ރާއްޖޭގެ ތަރައްގީގައި ޕާކިސްތާނުން އަދާކޮށްފައިވާ ދައުރު މުހިންމު: ނައިބު ރައީސް

ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީގައި ޕާކިސްތާނުން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަ ކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ޝުކުރު އަދާ ކުރައްވައިފިއެވ...

24 Mar 2019 | 04:13

ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީގައި ޕާކިސްތާނުން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަ ކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ޝުކުރު އަދާ ކުރައްވައިފިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ 79 ވަނަ "ޕާކިސްތާން ޑޭ" ފާހަގަ ކުރުމަށް ރޭ އިސްކަންދަރު ސްކޫލްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރަހައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރާއްޖެއާއި ޕާކިސްތާނުން ގުޅިގެން، ދެ ޤައުމަށް ފައިދާ ކުރަނިވި ހުރިހާ ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް، ދެކުނު އޭޝިޔާ އަދި އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި، އަމާންކަމާއި، ހަމަޖެހުން ކަށަވަރުކޮށް އިތުރު ފާގަތިކަން ހޯދުމަށް ދެ ޤައުމުން އެކުގައި މަސައްކަތް ކުރާނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕާކިސްތާން ޑޭ ފާހަގަކުރަނީ، 23 މާރިޗު 1940 ގައި ފާސްކުރި "ލާހޯރ ރެޒޮލިއުޝަން" ޤަރާރާއި ގުޅިގެން، 23 މާރިޗު 1956 ގައި ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއް ފާސްކޮށް އަމަލުކުރަން ފެށުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

ރޭގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ އިތުރުކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީ ގޮތުން ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަ ކުރައްވައި، ދެ ޤައުމުގެ ދުވަސްވީ ގުޅުމުގެ ސިއްރަކީ ދެޤައުމުގެ އެއްގޮތް ސަގާފަތާއި، އިސްލާމްދީނާއި، އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިހުތިރާމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް