މާލޭގެ ޓެކްސީތަކުގެ ހާލުގެ ވާހަކައަކީ ދައްކާ ފޫހި ނުވާނެ ވާހަކައެކެވެ. އަދި ކިތަންމެ ވަރަކަށް ދެއްކިނަމަވެސް ބަދަލުވުން ނާދިރު ވާހަކައެކެވެ. މައްސަލައަކީ ހަތަރު ފުރޮޅު ލީ ކާރެއް ނޫނުވެ. މައްސަލައަކީ އެ ޓެކްސީ ކާރުން ދޭ ހިދުމަތެވެ. ގުޅައިގެން ކާރެއް ނުލިބެނީއެވެ. ބޭނުންވާ ތަން ދުރުވީމަ ހިދުމަތް ދޭން ބޭނުން ނުވަނީ އެވެ. އަރުވައިފިއްޔާ އިތުރު ބަޔަކު އަރުވާ އެއްފަހަރާ ދެ ދަތުރު ނަގަނީއެވެ. މަޑުކޮށްފައި ކާރުން ބޭލުވި ހާލަތެއްވެސް ވަނީ މެދުވެރިވެފައެވެ.
މާލޭގެ ޓެކްސީ ދަތުރެއްގެ އަގު 25 ރުފިޔާއިން ފެށޭއިރު އެ އަގާއި ބަލާ ރަނގަޅު ހިދުމަތެއް ދެވޭ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އިސްވެ ދެންނެވުނު ސަބަބުތަކާވެސް ހުރެއެވެ. މިހާރުގެ އަދި ވޭތުވެ ދިޔަ ސަރުކާރުންވެސް ޓެކްސީގެ ހިދުމަތުގެ އަގު ތިރިކޮށް އެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކޮށްފައި އެބަ ހުއްޓެވެ.
މިގޮތުން އެންމެ ފަހުން މިހެން ދިމާވި ހާދިސާއަކީ މަލެއާއި ހުޅުލެއާއި ދެމެދު ބްރިޖް އެޅުމާއިއެކު ޓެކްސީ ތަކުން ނަގަން ފެށި ބޮޑު އަގުތައް ތިރިކުރަން ޓްރާސްޕޯޓު މިނިސްޓްރީން ކުރި މަސައްކަތެވެ. އެ މަސައްކަތް ނާކާމިޔާބުވީ ޓެކްސީ ތަކުގެ ވެރިން އެ އުސޫލުތަކަށް އެއްބަސް ނުވުމުންނެވެ. އެއްބައި ޑްރައިވަރުން މާލެއާއި ހުޅުލެ ނުވަތަ ހުޅުމާލެއާއި ދެމެދު ދަތުރުކޮށްދިނުން ހުއްޓާލީއެވެ. އަނެއް ބަޔަކު އުސޫލުތަކަށް ފަރުވާލެއް ނެތި ބޮޑު އަގުގައި ދަތުރު ކުރަމުން ގެންދިޔައީއެވެ.
މާލޭގެ ޓެކްސީތަކުގެ މައްސަލަތައް ހައްލު ނުވެގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ވިޔަފާރީގައި ވާދަވެރިކަން ނެތުމެވެ. ގިނަ ޓެކްސީ ސެންޓަރުތަކެއް ހުރި ނަމަވެސް ހުރިހާ ސެންޓަރަކުންވެސް ވާދަވެރިކަން ދުއްވާލާ އެކީގައި ހޯދެން އޮތް އެންމެ ބޮޑު ފައިދާއެއް ހޯދަން މަސައްކަތްކުރުމެވެ. ކޮންމެ ވިޔަފާރިއެއްގައި ނަމަވެސް ވާދަވެރިކަން ނެތްނަމަ އަގުތައް އުފުލި ހިދުމަތުގެ ފެންވަރު ދައްވެގެން ދެއެވެ. ސަބަބަކީ އެ ހިދުމަތް ހޯދަން ކޮންމެހެނެއްވެސް އެބައް ގާތައް ދާންޖެހުމެވެ. ރާއްޖޭގެ ޓެކްސީގެ ހިދުމަތުގައި ވާދަވެރިކަން އުފައްދަން ބޭނުންނަމަ އެކަން ކުރެވެން އޮތީ ސަރުކާރަށެވެ. ސަރުކާރުން ޓެކްސީގެ ހިދުމަތް ތައާރަފް ކުރުމުވެ. މިހާރުވެސް އެމްޓީސީސީއިން ކުއްޔަށް ބަހުގެ ހިދުމަތްދެއެވެ. އެހެން ނަމަވެސް މިކަން ފުޅާކޮށް މާލޭގެ މަގުމައްޗަށް ސަރުކާރުގެ ޓެކްސީތައް ނެރެންވީއެވެ. މީގެ ސަބަބުން ގިނަ ފައިދާ ތަކެއް ލިބިގެން ދާނެއެވެ. އެންމެ ފުރަތަމަ އަދި އެންމެ ބޭނުންތެރި ފައިދާއަކީ ޓެކްސީގެ ހިދުމަތުގައި ވާދަވެރިކަން އިތުރުވެ އަގާއި އެއްވަރަށް ހިދުމަތުގެ ފެންވަރު ރަނގަޅުވުމެވެ.
ސަރުކާރުން ޓެކްސީ ކުރަން ފަށައިފިނަމަ އިތުރު ވަޒީފާތަކެއް އުފެދިގެން ދާނެއެވެ. ޓެކްސީ ދުއްވާނެ މީހާއިން ފެށިގެން ގޮސް ޓެކްސީ ސެންޓަރުގެ މެނޭޖުކުރާ ވެރިންގެ ވަޒީފާތައްވެސް އުފެދިގެން ދާނެއެވެ. މިއީ އެއްވެސް ހާލަތެއްގައި މިހާރު ޓެކްސީ ކުރަމުންދާ ޑްރައިވަރުންގެ ވަޒީފާ ގުރުބާން ކޮށްފައި އުފައްދާ ވަޒީފާތަކެއް ނޫނެވެ. މިއީ މުޅިން އާ، ރަނގަޅު މުސާރައެއް ދެވޭނެ ވަޒީފާ ތަކެކެވެ.
މީގެ އިތުރުން ސަރުކާރުން ޓެކްސީ ކުރަން ފަށައިފިނަމަ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެއެވެ. އެހެނީ ޓެކްސީގެ ހިދުމަތަކީ ފައިސާ ބޮޑު ހިދުމަތަކަށް ވާތީއެވެ. މިގޮތުން ސަރުކާރަށް ލިބޭ އާމްދަނީއިން މާލޭގެ މަގުތައް މަރާމާތު ކުރުމަށް ހަރަދު ކުރެވިދާނެއެވެ. އެހެނީ ދަތުރުގެ ހިއްގައިމުކަމުގެ 50 ޕަސެންޓަކީ މަގުގެ ފެންވަރު ކަމުގައިވާތީއެވެ.
މިކަން މިހާރުވެސް ބައެއް ގައުމުތަކުން އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ. މިގޮތުން އަވަށްޓެރި އިންޑިއާގެ ބައެއް ސަރަހައްދުތަކުގައިވެސް ސަރުކާރުން މި ހިދުމަތް އަންނަނީ ދެމުންނެވެ. "ގޯއާ މައިލްސް" އަކީ އިންޑިއާ ސަރުކާރު ހިއްސާވާގޮތަށް އިންޑިއާގެ ފަތުރުވެރި މަންޒިލު ގޯއާގައި ދެމުން އަންނަ ހިދުމަތެކެވެ. މި ހިދުމަތް ދެމުން އަންނަނީ ޓެކްސީ ކުރަމުން އަންނަ ފަރާތްތަކަށްވެސް މި ހިދުމަތުގައި ބައިވެރިވެވޭ ފަދަ ގޮތަކަށެވެ.
ދުބާއީގައިވެސް ސަރުކާރުން އަންނަނީ ޓެކްސީގެ ހިދުމަތް ދެމުންނެވެ. ޑުބާއީ ޓެކްސީ ކޯޕަރޭޝަން ނަމުގައި ކޯޕަރޭޝަނެއް އުފައްދައި، ދުބާއީ ސަރުކާރުން އަންނަނީ މި ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުންވެސް ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ބޮޑެތި ގައުމުތަކުގައި ސަރުކާރުން ހިއްސާވާފަދަ ގޮތަކަށް މިފަދަ ހިދުމަތްތައް އަންނަނީ ދެމުންނެވެ.
ރާއްޖޭގައިވެސް މިފަދަ ހިދުމަތެއް ދިނުމަކީ ނުކުރެވޭ ވަރު ކަމެއް ނޫނެވެ. ނަމަވެސް މިފަދަ ކަމެއް ކުރާނަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކުރާގޮތް ދިރާސާކޮށް ރަނގަޅަށް އެކަންކަން ބަލާ ރަނގަޅަށް އޮޅުން ފިލުވަންޖެހޭނެއެވެ. އަދި ތައާރަފް ކުރަންޏާ ކުރަންވާނީ ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވާނެ މޮޑެލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް