އާތް އަވާ ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ހަރަކާތެއްގެ ތެރެއިން އުރީދޫ މޯލްޑިވްސް އިން ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ގެލެކްސީ އެސް9 އާއި އެސް9 ޕްލަސް ތައާރަފު ކޮށްފި އެވެ.
ބްރިޖް ވިއުއިން ޕްލެޓްފޯމުގައި ބޭއްވި ރަސްމިއްޔާތެއްގައި ފޯނުތައް ތައާރަފްކޮށްދެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ޚާން އާއި ސެމްސަންގް ސްރީ ލަންކާގެ މެނޭޖިން ޑިރެކްޓަރު މިސްޓާ ޕާކް އެވެ. މިރޭގެ ރަސްމިއްޔާތާއި އާތް އަވާ ފާހަގަ ކުރުމަށް އުރީދޫއިން ހިންގި ހަރަކާތްތައް އާންމުންނަށް ދައްކާލާފައި ވަނީ އެސް9 ޕްލަސް ފޯނުން ވީޑިއޯ ކޮށްގެންނެވެ.
އުރީދޫއިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން އެސް9 އާއި އެސް9 ޕްލަސް ގަތުމަށް ބޭނުންވާ ފަރާތްތަކުން މާދަމާގެ ނިޔަލަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕެކޭޖުތަކެއް ވަނީ ތައާރަފު ކޮށްފައި އެވެ.
އެގޮތުން ޕޯސްޓްޕެއިޑާ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެއް ފަހަރާ ފައިސާ ދައްކައިގެން އެ ދެ ފޯނު ގަތުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ބޯނަސްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު ތިން ޖީބީ ހިލޭ ޑޭޓާ ލިބޭނެ އެވެ.
މަހުން މަހަށް ފައިސާ ދައްކައިގެން އެސް9 އާއި އެސް9 ޕްލަސް އުރީދޫ މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ. އެގޮތުން ޑައުންޕޭމަންޓުގެ ގޮތުގައި 1999 ދެއްކުމަށް ފަހު އެއް އަހަރު ދުވަހަށް ބަހާލައިގެން އިންސްޓޯލްމެންޓަށް ފޯނު ދޫކުރާނެ ކަމަށް އުރީދޫއިން ބުނެ އެވެ. އަދި ބޯނަސްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު ތިން ޖީބީ ހިލޭ ޑޭޓާ ލިބޭނެ އެވެ.
އުރީދޫއިން ބުނީ އެ ކުންފުނިން ސެމްސަންގް ގެލެކްސީ އެސް9 އާއި އެސް9 ޕްލަސްގެ 64ޖީބީ އާއި 128ޖީބީގެ ފޯނު ގަންނަން ލިބޭނެ ކަމަށެވެ.
މާދަމާގެ ނިޔަލަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހަމަވާއިރު އަންނަ ހަފްތާގައި އެ ފަރާތްތަކަށް ފޯނު ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް