މެންބަރު އިންތިގެ ޕާސްޕޯޓު ހިފަހައްޓައިފި

މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ. އިންތިގެ ޕާސްޕޯޓް ހިފެހެއްޓީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭގެ ހުރިހާ ރަށަކުން ...

24 Mar 2018 | 10:49

މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އިންތިގެ ޕާސްޕޯޓް ހިފެހެއްޓީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ. އިންތިގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށް މިދިޔަ ބުރާސްފަތި ދުވަހު އަމުރު ނެރުއްވާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އެވެ.

މި މައްސަލާގައި މީގެ ކުރިން އިންތި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވާއިރު މިއަދު ހެނދުނު ވެސް އިންތި ވަނީ އޯޑިއޯ އަދި ޕޮޓޯ ސާމްޕަލް ނެގުމަށް ހާޒިރުކޮށްފަ އެވެ.  ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް ކޯޓުގައި އެދެމުން ފުލުހުން ބުނެފައި ވަނީ، އިންތިގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން އޭނާ ފިލައިގެން ދާން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާތީ އޭނާ ފިލައިގެން ހިނގައްޖެ ނަމަ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭނެ ކަމަށެވެ.

އިންތިގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން ހަމަޖެއްސި އެއްވުމުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުމައްޗަަށް ނިކުތުމަށް ގޮވާލުމާއި ގުޅިގެންނެވެ. އިންތިގެ އިތުރުން އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މި ދެބޭފުޅުންގެ ތެރެއިން ނަޒީރުގެ ޕާސްޕޯޓު މިދިޔަ ބުރާސްފަތި ދުވަހު ހިފަހައްޓައިފި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް