ހުޅުމާލޭގައި މިމަހު ހުޅުވި ޓްރީ ޓޮޮޕް ހޮސްޕިޓަލަށް މާލެއިން ފަރުވާ ހޯދުމަށް ދާ މީހުންނަށް ފެރީގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މިއަދުން ފެށިގެން ހަފްތާގެ ހުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގަ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި އެ ހޮސްޕިޓަލުން ފެރީގެ ހިދުމަތާއި ހުޅުމާލޭގައި ހޮސްޕިޓަލާއި ހަމައަށް ވޭނުގެ ހިދުމަތް ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ. މި ހިދުމަތްތައް ލިބޭނީ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދާ ބަލި މީހާ އަށާއި އެމީހާގެ އެހީތެރިންނަށެވެ.
ހިލޭ ފޯރުކޮށްދޭ މި ހިދުމަތް ހޯދުމަށް ފެރީއަށް އެރުމުގެ ކުރިން އެޕޮއިންޓް ލިބިފައިވާ ކަމުގެ ލިޔުން ދެއްކުމުން ހިދުމަތް ލިބޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
މާލެއިން ފެރީ ފުރުމަށް ހަމަޖެހިފައިވަނީ އެއް ނަމްބަރު ޖެޓީންނެވެ. އަދި ހުޅުމާލެއިން ފެރީ ފުރާނީ އެމްޓީސީސީ ފެރީ ޓާމިނަލުންނެވެ. ކަނޑައެޅިފައިވާ ވަގުތުތަކުގެ އިތުރުން އެމަޖެންސީ ކޮށް ބަލިމީހަކު ގެންނަން ޖެހިއްޖެ ނަމަ ގަޑިތަކަށް ބަދަލު އަންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
https://twitter.com/treetophospital/status/977406798889082880
ހެނދުނު 8:30 ގައި ފުރަތަމަ ފެރީ މާލެއިން ފުރުމަށް ހަމަޖެހިފައިވާއިރު އެންމެ ފަހު ފެރީ ހުޅުމާލެއިން ފުރާނީ ރޭގަނޑު 10:00 ގައި އެވެ.
އެ ހޮސްޕިޓަލުން މިހާރު ވަނީ އެމަޖެންސީ ހިދުމަތައް ހާއްސަ ނަމްބަރެއް ތައާރަފުކޮށްފައި އެވެ. އެ ހޮސްޕިޓަލުގެ އެމަޖެންސީ ހިދުމަތާއި އެމްބިއުލާންސްގެ ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ 1610 އަށެވެ.
މިމަހު އަލަށް ހުޅުވި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަނީ ފުރަތަމަ ހިތުގެ އޮޕަރޭޝަން މިމަހުގެ 15 ވަނަ ދުވަހު ކޮށްފައި އެވެ. މި އޮޕަރޭޝަނަށް ފަހު ބަލިމީހާގެ ހާލު ރަނގަޅު ކަމަށާއި އޮޕަރޭޝަން ކާމިޔާބު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ރާއްޖޭގެ ވިޔަފާރިވެރިންތަކެއް ގުޅިގެން ހެދި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. މި ހޮސްޕިޓަލަކީ 110 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ ހޮސްޕިޓަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް