ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިރޭ ފާހަގަ ކުރާ "އާތް އަވާ" (ދުނިޔެއަށްޓަކައި ވަގުތު ކޮޅެއް) މިރޭ ރާއްޖޭގައި ފާހަގަ ކުރާނެ އެވެ.
އާތް އަވާ ރާއްޖޭގައި ފާހަގަ ކުރަން ފެށީ 2009 ވަނަ އަހަރު އެވެ. ދެތިން އަހަރު ވަންދެން ކުލަގަދަކޮށް، ތަފާތު ގޮތް ގޮތަށް އާތް އަވާ ފާހަގަ ކުރި އެވެ. އެގޮތުން މުޅި މާލެއިން އެއް ގަޑި އިރަށް ކަރަންޓު ކަނޑާލުމާއި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމުގެ އިތުރުން މިއުޒިކް ޝޯތައް ކުރިޔަށް ގެންގޮސްފައިވެ އެވެ.
އެކަމަކު މިހާރު އެންވްޔަރަމަންޓު މިނިސްޓްރީން ބާރު އަޅަނީ އަމިއްލައަށް ދުނިޔެއަށް ޓަކައި ވަގުތުކޮޅެއް ދިނުމަށް އެ އެއްގަޑި އިރު ކަރަންޓު ބޭނުން ނުކުރުމަށެވެ. އެ މިނިސްޓްރީން ބުނީ ކޮންމެހެން ބޭނުން ކުރަންޖެހޭ އެއްޗެއް ނޫނީ ކަރަންޓުން ބޭނުން ނުކުރުމާއި އެވަގުތު ހިނގާފައި އުޅުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އާތް އަވާ ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހުގެ ރޭ 8:30 ން 9:30 އަށެވެ. މިއަހަރުގެ އާތް އަވާގެ ޝިއާރަކީ "ދުނިޔެއާއި ގުޅުވާލަމާ" އެވެ.
އާތް އަވާ މުޅި ދުނިޔޭގައި ފާހަގަ ކުރަން ފެށީ 2007 ވަނަ އަހަރުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް