ބައިނަލް އަޤުވާމީ އެކުވެރިކަމުގެ މެޗެއްގައި، މި އަހަރު ވޯލްޑް ކަޕް ބާއްވާ ޤައުމު ކަމަށްވާ ރަޝިޔާގެ މައްޗަށް ބްރެޒިލް އިން 3-0 ގެ ނަތީޖާއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައިހުރި ބްރެޒިލްގެ ތަރި ނޭމާ ނުލާ އެ ޓީމުން މިރޭ މޮސްކޯގައި ރަޝިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުތައް ޖަހައިދިނީ މިރަންޑާ، ފިލިއްޕޭ ކުޓީނިއޯ އަދި ޕައުލީނިއޯ އެވެ.
މެޗު ފެށުނީއްސުރެ ގިނަ ވަގުތު ބޯޅަ ގެންގުޅެ ބްރެޒިލް އިން ދިޔައީ ރަޝިޔާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެހެންނަމަވެސް ރަޝިޔާގެ ކީޕަރ އިގޯ އަކިންފީވްގެ ހުށިޔާރުކަމާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެއެވެ.
އެހެން ނަމަވެސް ދެ ވަނަ ހާފު ފެށިގެން މެޗުގެ 53 ވަނަ މިނިޓުގައި ބްރެޒިލް އިން ގޯލު ހުޅުވާލީ އަކިންފީވްއަށް ހެދުނު ގޯހަކުންނެވެ. ތިއާގޯ ސިލްވާ ބޮލުން ފޮނުވާލި ބޯޅަ ކީޕަރަށް ރަނގަޅަށް ސާފުކޮށް ނުލެވުނުއިރު، ދެ ވަނަ ފަހަރު އެ ބޯޅަ މިރަންޑާއަށް ލިބުމާއެކު އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ބްރެޒިލްއިން ފުރަތަމަ ލަނޑު ޖެހިތާ 9 މިނިޓު ފަހުން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކުޓީނިއޯ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނެވެ. މިއީ ޕައުލީނިއޯއަށް އެލެކްސެންޑާ ގޮލޮވިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ބްރެޒިލްގެ 3 ވަނަ ލަނޑު ޕައުލީނިއޯ ކާމިޔާބު ކޮށްދިނީ ވިލިއަމް ނަގައިދިން ހުރަހަކުންނެވެ.
މި އިންޓަނޭޝަނަލް ބްރޭކްގެ ތެރޭގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކުރިއިރު، މި މަހުގެ 27 ވަނަ ދުވަހުގެ ރޭ 23:45 ގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށް އެ ޓީމު އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް