ޖަޕާނުން އަލިފާން ނިއްވާ ސާމާނުތަކެއް އެމްއެންޑީއެފް އަށް ހަދީޔާކޮށްދީފި

ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަލިފާން ނިއްވުމުގައި ބޭނުންކުރާ ފަޔަރ ވެހިކަލަކާއި ބައެއް އާލާތްތައް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ހަވާލު...

24 Feb 2020 | 14:43

ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަލިފާން ނިއްވުމުގައި ބޭނުންކުރާ ފަޔަރ ވެހިކަލަކާއި ބައެއް އާލާތްތައް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު ކަޅުކުއްތަކަލާކޮށި، މާލެ ފަޔަރ ސްޓޭޝަނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ އާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ކެއިކޯ ޔަނާއީއެވެ.

މިތަކެއްޗަކީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި، ޤާބިލްކަން އިތުރުކުރުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ތަކެއްޗެވެ.  މިއަދު މި ހަދިޔާކުރި ތަކެތީގެ ތެރޭގައި ފަޔަރ ވެހިކަލަކާއި، ތިން ބްރީތިންގ އެޕޭރެޓަސް ސެޓް އަދި  އެއް ތާމަލް އިމޭޖިން ކެމެރާ ހިމެނެއެވެ. މިއަދު ހަދިޔާކުރި ތަކެތީގެ އަގަކީ 1.3 މިލިއަން ދިވެހި ރުފިޔާއެވެ.

މި ޕްރޮޖެކްޓަކީ 19 ފެބްރުއަރީ 2019 ވަނަ އަހަރު ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އާއި ޖަޕާނު ސަރުކާރާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިގެންދިޔަ ތަކެއްޗެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްބޭފުޅުންނާއި ޖަޕާނު ސަރުކާރުގެ ވަފުދުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް