ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އޮޅުންފިލުއްވައި، އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމާއި ބެހޭގޮތުން ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރާއި، މިކަމުގައި އެހެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި، މި ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރާއި ބެހޭގޮތުން މަޝްވަރާކުރަށްވާފައިވެއެވެ. އަދި، މި ވައިރަހުގެ އަސަރު ރާއްޖެއިން ފެނިދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ރައީސްވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްގައި ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިޔަށްގެންދިއުމާއި މޮނިޓަރކުރުމުގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގަންނަވާ، ރައީސް ވަނީ އިރުޝާދުދެއްވާފައެވެ.
މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ޑޮކްޓަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް