ދިރާގު ބަލިކޮށް، އެމްއައިބީން އުންމީދު އާާކޮށްފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ދިރާގު ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އުންމީދު އާކޮށްފިއ...

24 Feb 2020 | 11:36

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ދިރާގު ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އުންމީދު އާކޮށްފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު މެޗުގައި އެމްއައިބީން ހޯދި މޮޅަކީ މުބާރާތުގައި މިހާތަނަށް އެޓީމުން ހޯދި ފުރަތަމަ މޮޅެވެ. އެ މެޗުގެ ކުރިން އެމްއައިބީ ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ.

ރޭ ކުޅުނު މެޗުގައި ދިރާގު އަތުން އެމްއައިބީ މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 1-2 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 1-4 ފްރޭމުން އެމްއައިބީ ގެންދިޔަ އިރު، ދެވަނަ ގޭމު ސީދާ ހަތަރު ފްރޭމުން ދިރާގު ވަނީ ގެންގޮސްފައެވެ. ތިންވަނަ ގޭމު އެމްއައިބީން ގެންދިޔައީ 1-4 ފްރޭމުންނެވެ.

އެ މުބާރާތުގެ ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 2-1 ގޭމުން ވަނީ ފެނަކަ ބަލިކޮށްފައެވެ. ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަތުން ސީދާ ތިން ގޭމުން އެމްއެންޑީއެފް މޮޅުވި އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ސީދާ ތިން ގޭމުން އެމްޓީސީސީ ބަލިކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް