ފާއިތުވި އަހަރުތަކުގައި އެކި މުބާރާތްތައް ކާމިޔާބުކޮށް ގިނަ ތަށިތަކެއް އުފުލާލާފައި ވީނަމަވެސް، މި އަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވިއްޖެނަމަ، އެ މީހުންނަށް ފެއިލް ވެފައިވާ ބައެއްގެ ގޮތުގައި ލިޔެވިގެންދާނެ ކަމަށް މެންޗެސްޓާ ސިޓީގެ އެޓޭކިންގ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ ބުނެފިއެވެ.
ސިޓީން ވަނީ ފާއިތު ސީޒަންގައި އިނގިރޭސިވިލާތުގެ ހުރިހާ މުބާރާތެއްގެ ތަށި އުފުލާލާފައެވެ. މީގެ އިތުރުން ޕްރިމިއާ ލީގުގެ ފާއިތުވި 2 ސީޒަންގެ ޗެމްޕިއަނުންނަކީ ވެސް ސިޓީއެވެ.
އަމިއްލަ ޤައުމުގެ މުބާރާތްތަކުގައި ކާމިޔާބު ނަމަވެސް، ސިޓީއަށް ޔޫރަޕްގައި އަދި ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެ ޓީމުގެ ކާމިޔާބީއަށް އެޅޭ ހަމަ އެކަނި ހިޔަންޏަކީ ވެސް އެއީއެވެ. ޗެމްޕިއަންސް ލީގުގައި ސިޓީއަށް ތަށި ހޯދުމާ އެންމެ ގާތަށް ވެސް ދެވުނީ 2016 ވަނަ އަހަރުގައެވެ. އެ އަހަރު އެ ޓީމުން ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރިއެވެ.
އެ އަހަރުގެ ސެމީ ފައިނަލުން ސިޓީ ކަޓުވާލައި، ރެއާލް މެޑްރިޑުން މުބާރާތް ކާމިޔާބު ކުރިއިރު، މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ސިޓީ ވާދަކުރާނީ ވެސް ރެއާލް އާ އެވެ. ރެއާލް އިން ޗެމްޕިއަންސް ލީގު 13 ފަހަރަށް ކާމިޔާބު ކޮށްފައިވާއިރު، އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ ފުރަތަމަ ލެގުގެ މެޗުގައި ސިޓީ ކުޅޭނީ އެހެންނާ ވެސް އެ ކްލަބުން ކުޅޭ ކުޅުންކަމުގައި ޑި ބްރޭނާ ބުންޏެވެ.
"އެއީ މެޑްރިޑް. އެމީހުން ވަނީ އެހެން ހުރިހާ ބަޔަކަށް ގޮންޖަހާ ޗެމްޕިއަންސް ލީގު އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފަ. އެކަމަކު އަހަރެމެން މަސައްކަތް ކުރާނީ އެހެންނާ ވެސް އަހަރެމެން ކުޅޭހެން، އޮފެންސިވް ގޭމެއް ކުޅުމަށް. އަދި މެޑްރިޑް ޕްރެޝަރގައި ބޭއްވުމާއެކު މެޗުން މޮޅުވުމަށް." ކެވިން ޑި ބްރޭނާ ބުންޏެވެ.
ސިޓީން މެޑްރިޑަށް ދަތުރު މި ކުރަނީ ޖެހިޖެހިގެން 3 ވަނަ ފަހަރަށް ލީގުކަޕްގެ ފައިނަލަށް ދަތުރު ކުރުމުގެ ކާމިޔާބީއަށް ފަހުގައެވެ. އެހެނަސް، ޑި ބްރޭނާ ދެކޭގޮތުގައި، އެ ކާމިޔާބީތަކަކުން، ފާޑުކިޔާ ފަރާތްތައް އެ ކްލަބާ މެދު ދެކޭގޮތް ބަދަލެއް ނުކުރެވޭނެއެވެ.
"އަހަރެމެންނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވިއްޖެނަމަ، އެންމެން ވެސް ބުނާނެ އަހަރެމެންނަކީ ފެއިލް ވެފައިވާ ބަޔެކޭ، ފާއިތުވި 5 އަހަރެކޭ އެއްފަދައިން" ޑި ބްރޭނާ ބުންޏެވެ. "އެއީ އަހަރެމެންނަށް އަދި ކާމިޔާބު ނުކުރެވޭ މުބާރާތެއް. އަހަރެމެން އަބަދު ވެސް ބޭނުންވޭ ހުރިހާ މުބާރާތެއް ވެސް ކާމިޔާބު ކުރަން. އެހެނަސް، ކޮންމެ ވެސް އެހެން ބަޔަކު އަހަރެމެންނަށްވުރެ ރަނގަޅަށް ކުޅޭ. މިސާލަކަށް ލިވަޕޫލުން ލީގުގައި މި ސީޒަންގައި އަހަރެމެންނަށްވުރެ މޮޅު"
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް