ރެއާލް މެޑްރިޑަށް އަނެއްކާ ވެސް އިތުރު ބޮލު ރިހުމެއް

ރޭ ރެއާލް މެޑްރިޑްގެ ބީ ޓީމަށް ކުޅުނު އެ ޓީމުގެ އެޓޭކަރ ރޮޑްރީގޯއަށް އެ މެޗުގައި ދެއްކި ރަތް ކާޑާއެކު އައި ސަސްޕެންޝަންގެ ސަބަބުން އޭނާއަށް އެލް ކްލަސިކޯ މެޗު ގެއްލޭނެކަން ކަށަވަރު ވެއްޖެއެވެ. މިއީ، ލ...

24 Feb 2020 | 10:38

ރޭ ރެއާލް މެޑްރިޑްގެ ބީ ޓީމަށް ކުޅުނު އެ ޓީމުގެ އެޓޭކަރ ރޮޑްރީގޯއަށް އެ މެޗުގައި ދެއްކި ރަތް ކާޑާއެކު އައި ސަސްޕެންޝަންގެ ސަބަބުން އޭނާއަށް އެލް ކްލަސިކޯ މެޗު ގެއްލޭނެކަން ކަށަވަރު ވެއްޖެއެވެ. މިއީ، ލީގުގައި އެންމެ ފަހުން ކުޅުނު 2 މެޗުގެ ތެރެއިން 1 މެޗުން އެއްވަރުވެ، 1 މެޗުން ބަލިވެ، ލީގުގެ 1 ވަނަ މަޤާމު ގެއްލި، ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ހަޒާޑަށް އަނެއްކާ ވެސް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިފައިވަނިކޮށް ރެއާލްއަށް ކުރިމަތިވި އިތުރު ގޮންޖެހުމެވެ.

ސްޕެއިންގެ 3 ވަނަ ޑިވިޝަންގައި ކުޅޭ ރެއާލް މެޑްރިޑްގެ ބީ ޓީމުން ރޭ ކުޅުނު މެޗުގައި ރޮޑްރީގޯއަށް 2 ވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލީ، އޭނާ އަމިއްލަ މަސައްކަތުން ޖެހި ހިތްގައިމު ސޯލޯ ގޯލް އަކަށްފަހު، އިދިކޮޅު ޓީމުގެ ގޯލްކީޕަރާ ކުރިމަތިލާ އުފާފާޅުކުރުމަށް ކުރި އަމަލުގެ ސަބަބުންނެވެ. މި ސީޒަންގައި ރެއާލް މެޑްރިޑުން ވިދާލި އުމުރުން 18 އަހަރުގެ ބްރެޒިލްގެ ޒުވާން ތަރި، ރޭ ރެއާލް މެޑްރިޑްގެ ބީ ޓީމަށް ކުޅުނުއިރު، ރެއާލް މެޑްރިޑުން ފާއިތުވި 3 މެޗަށް ނެގި ސްކޮޑުން ވެސް އޭނާއަށް ޖާގަ ލިބިފައެއް ނުވެއެވެ.

ރެއާލް މެޑްރިޑް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ލެވަންޓޭ އަތުން 1-0 އިން ބަލިވިއިރު، އެޑެން ހަޒާޑަށް އަނިޔާވެ، އަނެއްކާ ވެސް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހޭނެކަމަށް ބެލެވުމުން، ރޮޑްރީގޯގެ ހާލަތު ބަލިވެ އަލުން ޓީމުން ޖާގަ ލިބޭނެކަމަށް ބެލެވުނެވެ. އެހެނަސް، ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ޤަވާޢިދު ބުނާގޮތުން، ރޭގެ ރަތްކާޑުގެ ސަބަބުން އަންނަ 1 މެޗުގެ ސަސްޕެންޝަން ސީނިޔާ ޓީމުގެ ޑޮމެސްޓިކް މެޗުތަކަށް ވެސް ގުނާތީވެ، ރެއާލްއިން މާރޗް 1 ގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ރޮޑްރީގޯ ނުހިމެނޭނެއެވެ.

ރެއާލްއަށް ސީޒަންގެ އެންމެ މުހިންމު ހިސާބުން ނުތަނަސް ހާލަތެއް ކުރިމަތިވެފައިވާއިރު، އެ ޓީމުން އަންނަ ބުދަ ދުވަހުގެ ރޭގައި، ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގެ މެޗުގައި ނުކުންނާނީ މެންޗެސްޓާ ސިޓީ އާ ދެކޮޅަށެވެ. މިހާރު ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރެއާލްގެ ދަނޑުގައި ކުޅޭ އެ މެޗުން ރޮޑްރީގޯއަށް ފުރުސަތު ލިބުން ގާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް