އާސެނަލް އިން ފާއިތުވި 7 ދުވަހުގެ ތެރޭގައި ކުޅުނު 3 މެޗުން ވެސް މޮޅުވެ، އާ ކޯޗާއެކު ހިންދެމިލައިފިއެވެ. މިކޭލް އާޓެޓާ ކޯޗުކަމާ ހަވާލުވިއިރު ވަރަށް ވެސް އުނދަގޫ ހާލަތެއްގައި އޮތް އާސެނަލް އިން، އާޓެޓާ އާއެކު މިސްރާބު ހިފީ ޓީމް ބަދަލުކޮށްލުމަށެވެ. އެކަން ކާމިޔާބުވުމުގެ ފެށުން ފެންނަން ފަށާފައިވާއިރު، މިއީ އާ ކޯޗާއެކު އާސެނަލް އާއި އެ ޓީމުގެ ސަޕޯޓަރުންނަށް ހަމަ ޔަގީނުން ވެސް ހެޔޮ ބަދަލަކަށް ވާނެއެވެ.
އާސެނަލްއިން ފާއިތުވި 3 މެޗުން މޮޅު ހޯދިއިރު، އެންމެ ޝައުޤުވެރި މޮޅަކަށް ވީ ރޭ ޕްރިމިއާ ލީގުގައި އެވަޓަން އާ ދެކޮޅަށް ކުޅެ 3-2 އިން ހޯދި ކާމިޔާބީއެވެ. ވަރަށް ފޯމެއްގައި އޮތް އެވަންޓަން އިން ރޭގެ މެޗަށް ނުކުތީ މެޗެއް ނުކުޅެ 15 ދުވަސް ހޭދަކުރުމަށް ފަހުގައެވެ.
ރޭގެ މެޗުގެ ފަހުކޮޅުގައި އާސެނަލްއަށް ޑިފެންސިވް ކުޅުމެއް ކުޅެން މަޖުބޫރުވިއިރު، އެވަޓަންގެ ވަރުގަދަ ކުޅުން ހުއްޓުވުމުގައި އާސެނަލް އިން ދެއްކީ ވަރަށް ވެސް އޯގަނައިޒް ކޮށް ޑިފެންސް ކުރުމުގައި ވެސް އެ ޓީމުން ކުރިއެރުންތަކެއް ހޯދާފައިވާކަމެވެ. ޚާއްސަކޮށް، އާސެނަލްގެ ގޯލްކީޕަރ ލެނޯގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނުނެވެ.
ރޭގެ މޮޅާއެކު އާޓެޓާގެ އާސެނަލް އިން ވަނީ ލީގު ތާވަލުގެ 9 ވަނައަށް ޖެހިލާފައެވެ. މިއާއެކު 2020 ފެށުނު ފަހުން އާސެނަލްއިން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ވަނީ 10 މެޗަށް އިތުރުވެފައެވެ. މި ސީޒަން ފެށުނުއިރު، އުނެއި އެމެރީއާއެކު އާސެނަލް ޓީމު ފެނުނީ ވަރަށް ބަލިކަށިކޮންނެވެ.
ފާއިތުވި ހަފުތާގައި އާސެނަލްއިން ނިއުކާސަލް އާ ދެކޮޅަށް ނުކުތްއިރު ވެސް އެ ޓީމުގެ ފަރާތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ފެންނަމުން ދިޔައެވެ. އެހެނަސް، ކަންބޮޑުވުމަކަށް އޮތީ ލަނޑު ޖެހުމުގެ މައްސަލައެވެ. ނަމަވެސް، އެ މެޗުގައި 4 ލަނޑު ޖަހާ އާސެނަލް އިން އެ ކަންބޮޑުވުން ނިމުމަކަށް ގެނައެވެ. އަނެއްކޮޅުން އެއަށްފަހު ޔޫރޮޕާ ލީގުގައި އޮލިމްޕިއާކޮސް ބަލިކުރުމަށްފަހު، ލީގުގައި ދެން ކުޅުނު މެޗުން މި ވަނީ އެވަޓަން ވެސް ބަލިކޮށްފައެވެ.
އެހެންކަމުން، މިއީ މުޅިން އެހެން އާސެނަލް އެއްގެ ފެށުންކަމުގައި ބަލަމާ ހެއްޔެވެ. އާޓެޓާއާއެކު އާސެނަލްގެ ފޭނުންނަށް އާ އުންމީދުތަކެއް ގެނުވާނެ ފެށުމަކަށް ވާނެ ކަމަށް ދެކެމާ ހިނގާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް