ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި980 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭއިރު އެއްވެސް ސިޔާސީ ޕާޓީއަކުން ހުރިހާ ގޮނޑިއަކަށް ވާދަ ނުކުރާކަން ކަށަވަރުވެއްޖެ އެވެ.
ވެރިކަން ކުރާ އެމްޑީޕީން މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީގެ ކުރިން ބުނެފައިވަނީ ދެ ރަށެއްގައި އެއްވެސް މީހަކު އެ ޕާޓީގެ ޓިކެޓު ހޯދަން ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަކު އެ ރަށްރަށުގައި ތިބި އެޕާޓީގެ ހިންގުންތެރިންނާއި ގުޅިގެން ކޮންމެސް ބަޔަކު ނެރެވޭތޯ ބަލައި އެ ޕަޓީން ވާދަ ނުކުރާ ގޮނޑިއެއް ނުބާއްވާނެ ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ވާދަ ކުރުމުގެ ސުންގަޑި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެމްޑީޕީން ބުނީ އެ ޕާޓީން ވާދަ ކުރަން ފޯމް ހުށަހެޅީ877 ގޮނޑިއަށް ކަމަށެވެ. އަދި އެ ފޯމްތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފަވާ ކަމަށެވެ.
އިދިކޮޅު ޕީޕީއެމްއިން މި އިންތިހާބުގައި ވާދަ ކުރަނީ673 ގޮނޑިއަށެވެ. އީސީން އެޕާޓިގެ ފޯމުތައްވެސް ބަލައިގެންފަވާ ކަމަށް ޕީޕީއެމްއިން ބުނެ އެވެ.
ޖޭޕީން118 ގޮނޑިއަށް ވާދަ ކުރާއިރު އަދާލަތު ޕާޓީން30 ގޮނޑިއަކަށް ވާދަ ކުރެ އެވެ. އެމްއާރުއެމްއިންވެސް އިންތިހާބުގައި ވާދަ ކުރެ އެވެ. އެކަމަކު މި ޕާޓީތަކުން ހުށަހެޅި ފޯމްތަކާއި މެދު ނިންމި ގޮތެއް އަދި ނޭނގެ އެވެ.
އީސީން ދަނީ ފޯމް ހުށަހެޅި ކެންޑިޑޭޓުންނަށް ކެންޑިޑޭސީ ގަބޫލު ކުރިކަން އަންގައި ލިޔުން ފޮނުވަމުންނެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރާ މީހުންގެ އަދަދެއްވެސް އަދި ނޭނގެ އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ހުރިހާ ގޮތަކުންވެސް ރާއްޖޭގައި ބާއްވާ އެންމެ ބުރަބޮޑު އަދި ގިނަ ވަގުތު ކަންކަން ނިންމުމުގައި ހޭދަ ކުރަންޖެހޭ އިންތިހާބެވެ.
ކައުންސިލް އިންތިހާބާއި އެކު އަންހެނުންގެެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުވެސް ބާއްވާނެ އެވެ. އަންހެނުންގެ ކޮމިޓީތަކަށް930 މެންބަރުން އިންތިހާބު ކުރާނެ އެވެ.
އީސީން ލަފާ ކުރާ ގޮތުގައި މި ދެ އިންތިހާބަށް6،000 އަށްވުރެ ގިނަ މީހުން ވާދަ ކުރާނެ އެވެ.
މި ދެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް