ޗައިނާގެ ވޫހާން ސިޓީއަށް އުފަންވި ކޮރޯނާ ވައިރަސް ޖެހިގެން އިއްޔެ ޗައިނާއިން 150 މީހުން މަރުވެއްޖެ އެވެ.
ޗައިނާގެ ހެލްތް ކޮމިޝަނުން ބުނީ އިއްޔެ މަރުވި މީހުންގެ އަދަދު އޭގެ ކުރީ ދުވަހު ބަލީގައި މަރުވި މީހުންގެ އަދަދަށްވުރެ އިތުރު ކަމަށެވެ. ހޮނިހިރު ދުވަހު ކޮރޯނާ ވައިރަސްގައި މަރުވެފައިވަނީ97 މީހުންނެވެ. އެހެންވެ މަރުވާ މީހުންގެ ރޭޓު ދަށްވަމުން ނުދާކަމަށް އެކޮމިޝަނުން ބުނެ އެވެ.
އެކަމަކު ޗައިނާގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ވަމުންދާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އިއްޔެ ބައްޔަށް ޕޮސިޓިވްވެފައިވަނީ409 މީހެކެވެ. އޭގެ ކުރީ ދުވަހު648 މީހަކު ބައްޔަށް ޕޮސިޓިވް ވި ކަމަށް ބުނެފައިވެ އެވެ.
ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ވަމުންދާތީ ޗައިނާގެ ހަތަރު ސިޓީއެއްގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަރަޖަ ވަނީ ދަށްކޮށްފަ އެވެ. އަދި ވޫހާން ސިޓީގައި ތިބި އެ ސިޓީއަށް ނިސްބަތް ނުވާ އަދި ބަލި ނުވާ މީހުންނަށް ސިޓީ ދޫކޮށް ދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ޗައިނާގައި ބަލި ކޮންޓްރޯލް ވަމުންދާއިރު މި ބަލި ދުނިޔޭގެ އެހެން ގައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރުމުގެ ބިރު އެބަ އޮތެވެ. އެގޮތުން އެފަދަ އެއް ގައުމަށް ސައުތް ކޮރެއާ ވަނީ ވެފަ އެވެ.
ސައުތް ކޮރެއާގައި އިއްޔެ އެކަނި ކޮރޯނާ ވައިރަސްއަށް161 މީހުން ޕޮސިޓިވްވެފައިވެ އެވެ. އެއާއެކު އެ ގައުމުގައި ވައިރަސްއަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ763 ށް އަރާފަ އެވެ.
މީގެ އިތުރުން މިހާތަނަށް އެ ގައުމުން ކޮރޯނާ ވައިރަސް ޖެހިގެން ހަތް މީހަކު މަރުވެފައިވާއިރު އިއްޔެ ދެ މީހަކު މަރުވި އެވެ.
އިރާން އާއި އިޓަލީ އަކީވެސް މި ބަލި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ގައުުތަކެވެ.
ނުރައްކާތެރި ކޮރޯވާ ވައިރަސްއަށް މިހާތަނަށް77،150 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް